ނަޞްރުގެ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތު ވެގެންދާ ދުވަހެއްކަމަށް ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަހެއްކަމަށެވެ. އަދި މިއީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެއްކަމަށެވެ.
ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ނަޞްރުގެ ދުވަހުން ސާބިތު ވެގެންދާކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. އަދި މިއީ މީގެ 38 އަހަރު ކުރިން ދިވެހި ރައްޔިތުން މުޅިދުނިޔެއަށް ސާބިތު ކޮށްދެއްވާފައިވާ ޙަޤީޤަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުންތައް ދިވެހިންނަށް ފޮނުއްވާ ކުރެއްވި ޕޯސްޓުގައި ރައީސް މައުމޫން ވަނީ ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދަށްޓަކައި ލެހެއްޓެވުން އެދި ދުއާކުރައްވާފައެވެ.
މިއަދަކީ ނޮވެމްބަރު ތިނެކެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި ނަޞްރުގެ ދުވަހެވެ. މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރު ތައް އުތުރި އަރާ ދުވަހެކެވެ. ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެކެވެ. ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތު ވެގެންދާ ދުވަހެކެވެ. މިދެންނެވީ މީގެ 38 އަހަރު ކުރިން ލޮބުވެތި ދިވެހި ރައްޔިތުން މުޅިދުނިޔެއަށް ސާބިތު ކޮށް ދެއްވާފައިވާ ޙަޤީޤަތް ތަކެކެވެ. އެހެންކަމުން ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުންތައް ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ. ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ އަބަދަށްޓަކައި ލަހައްޓަވާށިއެވެ! އާމީން.
— Maumoon Abdul Gayoom (@maumoonagayoom)November 3, 2026
ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ދެކޮޅަށް، އެ ދުވަހު ދިވެހި ސިފައިން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދާއި ޤައުމަށް ހޯއްދަވައިދެއްވި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ. މި އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.
މި ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަން މުހިންމު ބުރަ މަސައްކަތްޕުޅެއް ކުރެއްވިއެވެ.