ޢުމާންގެ އައްސޭރިފަށުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އިންޑިއާގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދަކަށް، ކޮން ބައެއްކަން ނޭނގޭ ފަރާތަކުން ދިން ހަމަލާއެއްގައި އިންޑިއާގެ ޒުވާން ފަޅުވެރިއަކު މަރުވެ، އިތުރު 13 މީހަކު ސަލާމަތްކޮށްފިއެވެ.

އިންޑިއާގެ ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސް މިނިސްޓަރު ސަރްބާނަންދާ ސޮނޯވަލް ވިދާޅުވީ، 14 ފަޅުވެރިންނާއެކު ޔޫއޭއީގެ އަލް ޙަމްރިއްޔާ ބަނދަރުން ފުރައިގެން އިންޑިއާގެ ޕޮރްބަންދަރަށް ދަތުރުކުރަމުންދިޔަ 'އެމްއެސްވީ އަލް ޔޫސުފީ' ނަމަކަށް ކިޔާ އުޅަނދަށް އޮމާންގެ ލިމާ ކައިރިން ހަމަލާދީފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު 4:00 ހާއިރު ކަމަށެވެ.

މި ހަމަލާގައި އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ގަންދަރު ނަހީމް ޢަޒީޒު ނިޔާވެފައިވާއިރު، އެ އުޅަނދުގައި ތިބި އަނެއް 13 ފަޅުވެރިން ވަނީ ޢުމާންގެ ކޯސްޓްގާޑުން ސަލާމަތްކޮށްފައެވެ.

ފާއިތުވި ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި ޔަހޫދީން، އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާންތަކާއި ގުޅިގެން މެދުއިރުމަތީގައި ފެތުރިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި މަރުވި އިންޑިއާ ރައްޔިތުންގެ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ.

މި ނުރައްކާތެރި އަމަލު އިންޑިއާގެ ހާރިޖީ ވުޒާރާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އޮމާންގައި ހުންނަ އިންޑިއާގެ އެމްބަސީން ދަނީ އެ ޤައުމުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މަރުވި ފަޅުވެރިޔާގެ ހަށިގަނޑާއި ސަލާމަތްވި މީހުން ވީ އެންމެ އަވަހަކަށް އެނބުރި ޤައުމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.