ފިނި މޫސުން ފެށުމުގެ ކުރިން ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ފެންވަރު ކުއްލިއަކަށް ދަށަށް ގޮސް، ދުނިޔޭގައި ވައި އެންމެ ބޮޑަށް ނުސާފު ސިޓީގެ ގޮތުގައި ޕާކިސްތާނުގެ ލާހޯރު ރެކޯޑުކުރެވިއްޖެއެވެ.

ވައިގެ ފެންވަރު ވަޒަންކުރާ ސްވިޒަލަންޑުގެ އައިކިއުއެއާ ގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަންގާރަ ދުވަހުގެ ފަތިހު ލާހޯރުގެ ވައިގެ ސާފުކަން ބަލާ އިންޑެކްސް ހުރީ 447 ގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންގަނޑަށްވުރެ 60 ގުނަ އިތުރު އަދަދެކެވެ.

މޫސުން ފިނިވެ، ވައިގެ ދައުރުވުން މަޑުޖެހުމުގެ ސަބަބުން، ދުއްވާ އެއްޗެއްސާއި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އަދި ދަނޑުވެރިކަމުގެ ކުނި އެންދުމުން ބޭރުވާ ދުމާއި ހިރަފުސް ޖައްވުގައި ހަރުލާފައި ހުރުމަކީ މި މައްސަލަ ކުރިމަތިވާ މައިގަނޑު ސަބަބެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިސްތާނު ސަރުކާރުން ވަނީ ތިމާވެށީގެ މިންގަނޑުތަކާ ހިލާފަށް ހިންގާ ކާރުޚާނާތަކާއި ދެކޮޅަށް ފިޔަވަޅުތައް ހަރުދަނާކޮށް، ދަނޑުވެރިން ކުނި ނޭންދުމަށް އަންގާފައެވެ.

މީގެއިތުރުން، އިންޑިއާގެ ވެރިރަށް ދިއްލީގެ ވައިގެ ފެންވަރު "ވަރަށް ނުރައްކާތެރި" މިންވަރަކަށް ވެއްޓުމާ ގުޅިގެން، އެ ސިޓީގައި އެއްގަމު އުޅަނދު ދުއްވުމާއި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގެ އިތުރުން، ދަރު އަދި ކޯލް އަންދައިގެން މަސައްކަތްކުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ދިވާލީ މުނާސަބަތާއި ގުޅިގެން ހަވާ އެރުވުމުގެ ސަބަބުން ވައި އިތުރަށް ގޯސްވެދާނެތީ، އެކަން ވަކިވަރެއްގައި ހިފެހެއްޓުމުގެ ގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ހަފުތާ ބަންދުގެ ދުވަސްތަކުގައި، ދުވާލަކު އެންމެ 3 ގަޑިއިރުގެ ވަގުތަކަށް، ތިމާވެއްޓަށް ގެއްލުން ކުޑަ
ހަވާ ނުވަތަ "ގްރީން ކްރެކާސް" އެރުވުމުގެ ހުއްދަ ދީފައެވެ.