ޔަހޫދީންގެ ދިފާޢީ ދާއިރާއަށް އެމެރިކާއިން ދެމުންދާ 4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން މި އަހަރު ނިމުމުން ދިނުން ހުއްޓައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަން ހުއްޓައިލުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު އެއްބަސްވުމަކާ ހަމައަށް މިހާރު އައިސްފައިވާ ކަމަށެވެ. އޭނާ އެ ވިދާޅުވަނީ ކޮން ކަމަކާ ގުޅިގެން ދޭ އެހީތެރިކަމެއް ހުއްޓައިލާ ވާހަަކައެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އޭގެ ސަބަބަކީ ކޮންމެ އަހަރަކު ވެސް އެމެރިކާއިން ޔަހޫދީންނަށް 3.8 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާއާއި ޔަހޫދީންނާ ދެމެދު ޤާއިމްކޮށްފައިވާ 10 އަހަރު ދުވަހުގެ މުއްދަތުގެ ފަހުމުނާމާގެ މުއްދަތު ހަމަވަނީ 2028ވަނަ އަހަރު ކަމަށް ވާތީއެވެ. އެ މުއްދަތު ހަމަވުމުން އެމެރިކާއިން ޔަހޫދީންނަށް ދޭ މާލީ އެހީތެރިކަމަށް ބަދަލު އަންނާނީ ކޮން ގޮތަކުންތޯ ކަމާ މެދު ދަނީ ވާހަކަ ދެކެވެމުންނެވެ.
ފޮކްސް ނިއުސްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޔަހޫދީންނަށް މިހާރު މާލީ އެހީތެރިކަން ބޭނުން ނުވާ ކަމަށެވެ. އެމެރިކާއިން ޔަހޫދީންނަށް ފައިސާ ދޭތީ ޑިމޮކްރަޓުންނާއި ވައަތު ފިޔައިގެ ސިޔާސީ ވެެރިން ރިޕަބްލިކަނުންނަށް ފާޑު ކިޔުމަށް އެ ނުކުތާ ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު ނިމުމުން އެމެރިކާއިން ފައިސާ ދިނުން ހުއްޓައިލި ނަމަވެސް ނިރުބަވެރި ޔަހޫދީންނަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމެރިކާއިން އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް އުދުވާނީ ހަމަލާތައް ދޭން ފެށި ފަހުން އެމެރިކާގެ ރައްޔިތުން ޔަހޫދީންނަށް ތާއީދު ކުރާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. ހާއްސަ ގޮތެއްގައި ޑިމޮކްރަޓުންގެ މެދުގައި ޔަހޫދީންގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޕޯލްއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި ވޯޓުލާ އާބާދީގެ 48 އިންސައްތަ އަދި ޑިމޮކްރަޓުންގެ 66 އިންސައައްތަ ގަބޫލުކުރަނީ އެމެރިކާއިން ޔަހޫދީންނަށް ދޭ އެހީތެރިކަން މާ ބޮޑު ކަމަށް ކަމަށެވެ. އޭގެ ބަދަލުގައި 2017ވަނަ އަހަރު ނެގި ޕޯލްއެއްގައި އެ ނިސްބަތް ހުރީ 16 އިންސައްތައާއި 20 އިންސައްތައިގައެވެ.
ޓްރަމްޕްގެ މޭކް އެމެރިކާ ގްރޭޓް އަގެއިން ހަރަކާތުގެ ބައެއް މެމްބަރުން ވެސް ޔަހޫދީންނަށް ފާޑުކިޔާ މިންވަރު ވަނީ އިތުރުވެފައެވެ. ވެރިކަމަށް އައުމަށް 2024 ވަނަ އަހަރު ޓްރަމްޕް ކެމްޕޭން ކުރެއްވީ އެހެން ޤައުމުތަކުގައި އެމެރިކާއިން އަސްކަރީ ގޮތުން ހަރަކާތްތެރި ނުވުމަށެވެ. ނަމަވެސް އިރާންއަކީ ހަނގުރާމައިގައި ފަސޭހައިން ބަލިކުރެވޭނެ ގައުމެއް ކަމަށް ޓްރަމްޕްއަށް ވިސްނަދީފައި ވަނީ ޔަހޫދީން ކަމަށް އެ މެންބަރުން ތުހުމަތުކުރެއެވެ.
މިދިޔަ އޮކްޓޯބަރު މަހު ޔަހޫދީންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ ފަހުމުނާމާއެއްގެ ދަށުން އެމެރިކާއިން ފޯރުކޮށްމުންދާ އެހީތެރިކަން އަދިވެސް ލިބެމުންދާނެ ކަމަށް ނުބެލުމަށެވެ. އެމެރިކާއިން ޔަހޫދީންގެ ދިފާޢީ ބަޖެޓަށް އެތައް ބިލިއަން ޑޮލަރެއް ކުރިން ދިން ނަމަވެސް ދެން އެ އުސޫލުން ކަން ހިންގާނެ ކަމަށް ނުބެލުމަށާއި އެމެރިކާ މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޔަހޫދީ އަސްކަރީއަށް އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަން ހުއްޓައިލަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed