މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެވަރިޓުންނަކީ ބަނގްލަދޭޝް ކަމަށާއި ނަމަވެސް އިންޑިޔާއިން ތިބީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށް ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.
ރެކޯޑް އަދަދެއް ކަމަށްވާ ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިޔާއިން ދެ ވަނަ ފަންތީގެ ޓީމަކާއެކު މި ފަހަރުގެ މުބާރާތާ ކުރިމަތިލަނީ 2023 ވަނަ އަހަރު އެ ގައުމުން ހޯދި ތަށި ދިފާއު ކުރުމަށެވެ.
މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށް ގެންދާ މުބާރާތަށް އިންޑިޔާއިން އެކުލަވާލި ޓީމުގައި ގިނައިން ތިބީ 23 އަހަރުން ދަށުގެ ކުޅުންތެރިންނާއި ސީނިއާ ޓީމަށް ގަވާއިދުން ކުޅެން ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނެވެ. މީގެ ސަބަބަކީ އިންޑިޔާގެ ސީނިއާ ޓީމު ނިއުޒީލޭންޑާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅޭތީއެވެ.
"އަހަރުމެން ސާފް ޗެމްޕިއަންޝިޕަށް އައިސްފިނަމަ އަމާޒަކީ އަބަދުވެސް ތަށި ހޯދުން. އަހަރުމެން ބޭނުން މޮޅު ކުޅުމެއް ދައްކަން،" ކޯޗު ނައުޝާދު، ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދިއުމުގެ ކުރިން އިންޑިޔާގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
އޭނާ ބުނީ އެހެން ގައުމުތަކުގައި ދިރިއުޅޭ ބަނގްލަދޭޝް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިންނާއެކު ޓީމު އެކުލަވާލާފައިވާތީވެ މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަވާނީ ބަނގްލަދޭޝް ކަމަށެވެ.
"ރަނގަޅަށް ބަލައިފިނަމަ ޔަގީނުން ވެސް މި މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ބަނގްލަދޭޝް. އަހަރެންނަކަށް ނޭނގެ އެ މީހުންނާ އަހަރުމެން ކުޅެން ޖެހޭނީ ކޮން އިރަކު ކަމެއް. އަހަރެން އުއްމީދު ކުރަނީ ފައިނަލުގައި ބަނގްލަދޭޝްއާ ކުޅެން،" އިންޑިޔާގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ގިނަ އަދަދެއްގެ ސީނިއާ ކުޅުންތެރިން ނެތުމަކީ އިންޑިއާއަށް ގޮންޖެހުމެއް ކަމަށާއި ނަމަވެސް ޓީމާއެކު ތިބި ކުޅުންތެރިން ތިބީ އިތުބާރާއެކު ކަމަށެވެ.
"އޮކްޓޫބަރުން ފެށިގެން އިންޑިޔާގެ ލީގު އެދަނީ ކުރިއަށް. އެ ލީގުގައި ކުޅޭ ޓީމުތަކުގެ ކުޅުންތެރިންނަށް އަހަރެންނަށް ފުރަތަމަ މެޗަށް ނުލިބޭ. މިއީ ޗެލެންޖެއް. އެކަމަކު އެ މީހުންނާ ނުލައި ވެސް އަހަރުމެން ވަރުގަދަވާނެ. އަހަރެންނާއެކު މިތިބީ ވެސް ހުނަރުވެރި ކުޅުންތެރިން. އެ މީހުން ތިބީ ކާމިޔާބީއަށް ބަނޑުހައިވެފައި. އެމީހުން އެ ތިބީ އެ މީހުންގެ ހުނަރާއި ފަންވަރު ދައްކާލަން ބޭނުންވެފައި،" ކޯޗު ބުންޏެވެ.
އިންޑިއާގެ ފުލް ޓީމު ހަމަވާނީ މި މަހުގެ 11 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށެވެ.
މުބާރާތުގައި ވާދަ ކުރަނީ ސާކުގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައެވެ. ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް: މޮޅީ ބަނގްލަދޭޝް، އިންޑިޔާގެ އަމާޒަކީ ތަށި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed