ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް އަގުބޮޑުވުމުގެ މައްސަލާގައި ސަޕޯޓަރުން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް ސާފުން ދޫދޭން ބޭނުންނުވާކަމަށް ބުނެފިއެވެ.
މާދަމާއިން ފެށިން މި މަހުގެ 17 އަށް ބަނގްލަދޭޝްގައި ބާއްވާ މުބާރާތުގައި ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ އެއް ދުވަހެއްގައި ކުޅޭ ދެ މެޗަށް ގަނޑުކޮށެވެ. އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ މެޗަކަށް 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް ސަޕޯޓަރުންގެ ކަންބޮޑުވުމަކީ ވަކިވަކިން މެޗުތަކަށް ނުވިއްކައި ދެ މެޗަށް 1000 ޓަކާ އަށް ޓިކެޓް ވިއްކާތީއެވެ. މިކަމާ ހިތްހަމަ ނުޖެހިގެން ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ.
މީގެ ތެރެއިން ރެޑް އެންޑް ގްރީން އާމީގެ ފަރާތުން ފައުންޑަރ ރާފީ އިގްބާލް ބުނީ ދަނޑަކީ ސަޕޯޓަރުންގެ ތަނެއް ކަމަށާއި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ސާފުން މަސައްކަތް ކުރަނީ ސަޕޯޓަރުން ދަނޑާ ދުރު ކުރަން ކަމަށެވެ.
"ދަނޑު ނިސްބަތްވަނީ އަހަރުމެންނަށް. މިއީ އަހަރުމެންގެ ގެ. ބަނގްލަދޭޝްގެ މެދުފަންތީގެ މީހެއްގެ މަހު މުސާރައަކީ 20000 ނުވަތަ 30000 ޓަކާ. މީގެ މާނައަކީ އެ މީހުންގެ އެއްދުވަހުގެ މުސާރައަކީ 1000 ޓަކާ އަށްވުރެ މަދު އަދަދެކޭ. މީހަކު އެއް ދުވަހު އެކީގައި މަސައްކަތް ކޮށްގެން ވެސް މިފަހަރު މުބާރާތުގެ ޓިކެޓް ނުގަނެވޭ. މިއީ އިންސާފެއް ނޫން،" ރާފީ ބުންޏެވެ.
އޭނާ ބުނީ ޓިކެޓަކީ ކަރުދާސް ގަނޑެއް ކަމަށާއި ގޭޓްތައް ފޫދުއްވާލައފައި ވެސް ދަނޑަށް ވަންނާނެ ކަމަށެވެ.
"ޓިކެޓަކަށް އަހަރުމެން ނުހުއްޓުވޭނެ. އެއީ ކަރުދާސް ގަނޑެއް. އަހަރުމެން ދަނޑުގެ ހުރިހާ ގޭޓެއް ހަލާކު ކޮށްލާނަން،" އިންޒާރު ދެމުން ރާފީ ބުންޏެވެ.
މި މައްސަލައިގައި ބަނގްލަދޭޝްގެ ކުޅިވަރާ ބެހޭ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ގޯލްކީޕަރު އަމީނުލް ހައްގު ވިދާޅުވީ ޓިކެޓް އަގު ކަނޑައަޅަކީ ސާފުން ކަމަށާއި އަގު ކުޑަކުރެވެން އޮތްނަމަ އެކަން ކޮށްދޭން އެދޭނެ ކަމަށެވެ.
ނަމަވެސް ސާފުން ތިބީ ގޮތް ދޫކޮށްލާ ގޮތަކަށްނޫނެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރޮޝޮޓަމް ކަޓޭލް ވިދާޅުވީ ޓިކެޓުގެ އަގުބޮޑުވި މައިގަނޑު ސަބަބަކީ ސާފުން ކުރަންޖެހޭ ޚަރަދުތައް ވެސް އިތުރުވުމުން ކަމަށެވެ.
ސާފުން އިތުރަށް ބުނެފައިވަނީ ކޮވިޑަށް ފަހު އެއާލައިންތަކުގެ އަގުތައް ބޮޑުވެއްޖެ ކަމަށާއި ހޮޓާތަކުގެ އަގުތަކާއި އެނޫން ކަންކަމުގެ އަގު ވެސް މަތިވުމުން ސާފުން ކުރަންޖެހޭ ހޭދަ ބޮޑު ކަމަށެވެ. އަދި ސަޕޯޓަރުން ގަންނަ ޓިކެޓާ އެއްވަރުގެ ޚިދުމަތެއް މި ފަހަރުގެ މުބާރާތުގައި ދަނޑުން ލިބޭނެ ކަމަށެވެ. މި ގޮތުން ވޯލްޑް ކަޕުގައި ލަވަކިޔާފައިވާ ފަރާތެއް ހުޅުވުމުގެ ރަސްމިއްޔާތަށް ގެނައުމާއި މުބާރާތުގައި ވީއޭއާރު ބޭނުން ކުރުމަކީ ޚަރަދު ހިނގާނެ އެކަމަކު މުބާރާތް ފުރިހަމަކުރަން ކުރާ ހަރަދުކަން އޭނާ ފާހަގަކުރިއެވެ.
"މެސީ އެންމެ ފަހުން ކުޅުނު މެޗުގެ ޓިކެޓްގެ އަގުތަކަށް ވީ ގޮތް ބަލާ. ކޮންމެ ރަނގަޅު ކަމެއްގައި ވެސް އަގެއް ހުންނާނެ. އެހެންވީމާ މި މުބާރާތުގައި އަގު ހުންނާނެ. އަހަރުމެން މި މުބާރާތުގެ ޓިކެޓް އަގު ކަނޑައެޅީ އެންމެ ފަހުން ބަނގަލްދޭޝް ކުޅުނު މެޗުތަކަށް ބަލާފައި. އޭޝިއަން ކަޕުގައި ބަނގްލަދޭޝް ކުޅުނު މެޗުތަކުގެ ޓިކެޓް ވިކިފައިވަނީ 1000 އަށް. އެއަށް ބަލާފައި އަދި މި މުބާރާތުގައި ފެނިގެންދާނެ ކަންކަމަށް ބަލާފައި ޓިކެޓްގެ އަގު ބޮޑެއް ނޫން،" ސާފުން ބުނެފައިވެ އެވެ.
އިތުރަށް ބުނެފައިވަނީ ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު ވެސް ޓިކެޓުގެ އަގުތަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި ޚަރަދުތައް ދެކޮޅު ޖެއްސުމުގެ ގޮތުންނާއި ދެ މެޗު ދޭތެރޭގައި ތައްޔާރުވާން ލިބޭ ވަގުތު މަދުކަމުން އިންތިޒާމުތައް ހަމަޖައްސަން ހުރި ދަތިތަކާއެކު ވެސް ވަކިވަކި މެޗުތަކަށް ޓިކެޓު ވިއްކުމަކީ ނުވާނެ ކަމެއް ކަމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް: ޓިކެޓްގެ އަގުބޮޑުވުމުން މުޒާހަރާއަށް، ގޮތް ދޫކުރާނެ ބަޔަކު ނެތް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed