ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޯމާ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު ފަހަތުންއަރާ 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު, މެޗުގެ ފުރަތަމަ ހާފުގައި ރަގަޅަށް ކުޅެފައިވަނީ އިޓަލީގެ ރޯމާއިންނެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ކުލަބުގެ ވެރިންނާއި ދެކޮޅަށް ސަޕޯޓަރުންދަނީ މުޒާހަރާކޮށް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެގޮތުން މި މެޗަށް ދެ ޓީމު ދަނޑަށް ނިކުތްއިރު ސަޕޯޓަރުންވަނީ ފެހި ކުލައާއި ރަން ކުލައިގެ ފުއްޕާހަންތަކެއް ދޫކޮށްލާފައެވެ. އަދި ގްލޭޒާގެ އާއިލާގެ އިތުރުން ސާރ ޖިމް ރެޓްކްލިފް އާއި ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި ރޯމާގެ މަތިއަސް ސޯލް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ. އަދި މި ލަނޑު ޖެހުމާއެކު ޔުނައިޓެޑުގެ ސަޕޯޓަރުންވަނީ ދަނޑު މައްޗަށް ޓެނިސް ބޯޅަތަކެއްވެސް އުކާފައެވެ.
ރޯމާއިން މި މެޗުގައި 2-0 ގެ ލީޑެއް ނަގާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޑޯންޔެލް މަލަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 2 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ ކާލޯސް ބަލޭބާއަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ޔުނައިޓެޑުން ރޯމާގެ ގޯލު ހުޅުވާލުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 83 ވަނަ މިނިޓުގައި ޔުނައިޓެޑް މެތިއަސް ކޫނިއާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ޔުނައިޓެޑް މި މެޗުން މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކޫނިޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އޮތީ ތާވަލުގެ 17 ވަނައިގައެވެ.
ފަހަތުން އަރާ ޔުނައިޓެޑުން ރޯމާ ބަލިކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed