ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން 6-0 ގެ ނަތީޖާއަކުން ވިޔަރެއާލް ބަލިކޮށްފިއެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗު ފެށުމާއެކު އެ ޓީމުން ވަނީ މެޗު ކޮންޓްރޯލްކޮށް ވިޔަރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

މި މެޗުގެ 9 ވަނަ މިނިޓުގައި ޕީއެސްޖީގެ ޖޮއާއޯ ނެވެސް ވަނީ ލަނޑެއް ޖަހައި ވިޔަރެއާލްގެ ގޯލު ހުޅުވާލާފައެވެ. އަދި އޭގެ 3 މިނިޓު ފަހުން ޑިޒޭ ޑުއޭ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 13 ވަނަ މިނިޓުގައި ސެނީ މަޔޫލޫ ކާމިޔާބުކުރިތާ ހަތަރުވަނަ މިނިޓުގައި ފަބިއަން ރުއިޒް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ.

މެޗުގެ 70 އިން ސައްތަ ޕީއެސްޖީން ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފަބިއަން ރުއިޒްއެވެ.

އަދި މެޗުގެ 78 ވަނަ މިނިޓުގައި ޕީއެސްޖީގެ ހަވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އުމުރުން 17 އަހަރުގެ ޑޭވިޑް ބޮލީއެވެ.

މި ނަތީޖާ އާއިއެކު ޕީއެސްޖީން ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މެޗަކުން ބަލިނުވެ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފައެވެ.