ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ ފެނަބާޗޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން ނަތީޖާއެއް ނެރޭނަމަ ލިވަޕޫލުން އެޓީމުގެ ފެށުން ރަނގަޅު ކުރުން ވަރަށް މުހިންމު ކަމުގައި އެޓީމުގެ ކޯޗު އެންޑޯނީ އިރައޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އިރައޯލާ ބުނީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ހޯދި ތާރީހީ ކާމިޔާބީއަށް ފަހު ތުރުކީޔޭގެ އިސްތަންބޫލަކީ ލިވަޕޫލަށް ވަރަށް ހާއްސަ ސިޓީއެއް ކަމަށެވެ. ނަމަވެސް ތުރުކީޔޭގެ ޓީމު ތަކާއި ދެކޮޅަށް ކުޅެން އެއީ އުނދަގޫ މަންޒިލެއް ކަމަށް ލިވަޕޫލްގެ ކޯޗު ފާހަގަ ކުރިއެވެ. އެހެން ކަމުން މިމެޗުން ލިވަޕޫލަށް ކުރި ހޯދޭނީ ފެނަބާޗޭގެ ކުޅުންތެރިންނަށް ވުރެ ރަނގަޅަށް މެޗު ފަށާ އެޓީމުގެ ސަޕޯޓަރުންގެ އަޑު މަޑުކޮށްގެންކަމަށެވެ.
އިރައޯލާ ބުނީ މިމެޗު އެޓީމުން ވަރުގަދަ ކޮށް ފަށައިފި ނަމަ ފެނަބާޗޭގެ ހަމަލާތައް މައިތިރި ކުރަން ފަސޭހަ ވާނެ ކަމަށެވެ. އޭނާ ބުނީ ޗެނަބާޗޭއަށް މިމެޗުގައި ފެށުން ރަނގަޅު ވެއްޖެނަމަ އެޓީމަށް ލިބޭ އިތުބާރު ބޮޑު ވެގެންދާނެ ކަމަށާއި އެހެން ކަމުން އެކަން ވިޔަ ނުދީ ފަރުޖެއްސޭނީ ލިވަޕޫލުން އެޓީމުގެ ފެށުން ރަނގަޅު ކޮށްގެން ކަމަށެވެ.
މިމެޗާއި ކުރިމަތިލާއިރު ލިވަޕޫލުންވަނީ މިފަހަރު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި މިއާއެކު މިމެޗު ކާމިޔާބު ކޮށް 12 ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރީގައި އުޅޭ ޓީމު ތަކާއެކު އޮތުމުގެ ފުރުސަތު އެޓީމަށް ލިބޭނެއެވެ. މިވަގުތަށް ބަލާއިރު 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންއެވެ. ނަމަވެސް މިފުރުސަތު ލިވަޕޫލުގެ އިތުރުން ރެއާލް މެޑްރިޑާއި ރެއާލް ބެޓިސްއަށް އެބައޮތެވެ.
މިމެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފެނަބާޗޭގެ ވަގުތީ ކޯޗު އަދި ލިވަޕޫލްގެ ކުރީގެ ތަރި ޑަރކް ކައިޓް ބުނީ ލިވަޕޫލް މެޗަކީ ފެނަބާޗޭގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށް އޭނާއަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިމެޗަށް އެޓީމުގެ ސަޕޯޓަރުންގެ ތާއީދު ފުރިހަމައަށް ލިބިއްޖެނަމަ ޔޫރަޕުގައި ފެނަބާޗޭ އާއި ދެކޮޅަށް ކުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން އެޓީމަށް ސާބިތު ކުރެވޭނެކަމަށްވެސް ކައިޓް ހާމަކުރިއެވެ. ކައިޓް މިމަގާމާއި ހަވާލުވެފައިވަނީ ގަލަތަސަރާއީ އާއި ބައްދަލުކުރި މެޗުން 2 ލަނޑު އެއް ލަނޑުން ފެނަބާޗޭ ބަލިވުމާއި ގުޅިގެން އެޓީމުގެ ދާއިމީ ކޯޗު އިސްމާއީލް ކާޓަލް މަގާމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ފެނަބާޗޭ މެޗުން މޮޅުވުމަށް ލިވަޕޫލްގެ ފެށުން ރަނގަޅު ކުރަންޖެހޭ: އިރައޯލާ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed