ޔުއޭފާ ޗެމްޕިއަންސް ލީގުގައި ފެޔެނޯޑް އާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށް އިންޓަރ މިލާނުން މިލާން ޑަރބީގައި ލިބުނު ނާކާމިޔާބީއިން އަރައިގެންފިއެވެ.
ފެޔެނޯޑްގެ ސްޓާޑިއޮން ފެޔެނޯޑްގައި ކުޅުނު މިމެޗު އިންޓަރއިން ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. އިންޓަރއިން ވަނީ މެޗުގެ 8 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފެށުން ރަނގަޅު ކޮށްފައެވެ. މިލަނޑު ޖެޑް ސްޕެންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިފައިވަނީ ޔާން ބިސެކެވެ.
މިމެޗުގައި އިންޓަރގެ ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި ޖަހައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޕިއޯ އެސްޕޮސިޓޯއެވެ. އަދި ފަހު ލަނޑު ޖަހައިދީފައިވަނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ. މިއީ މިސީޒަންގައި ޗެމްޕިއަންސް ލީގުގައި އިންޓަރ ކުޅުނު 4 މެޗުގެ ތެރެއިން މޮޅުވި 2 ވަނަ މެޗެވެ. އަދި މިކާމިޔާބީ އާއެކު އިންޓަރ މިހާރު އުޅެނީ ތާވަލްގެ 14 ވަނައިގައެވެ. އަދި ފެޔެނޯޑް އުޅެނީ 3 ޕޮއިންޓާއެކު 30 ވަނައިގައެވެ.

މިމުބާރާތުގައި ސްޕޯޓިންގ ލިޒްބަންއާއި ޝަކްޓަރ ޑޮނެސްޓް ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކުރީ ސްޕޯޓިންގއިންނެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި ސްޕޯޓިންގއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އީސާ ޑޮއުމްބިއާއެވެ. މިމެޗު ސްޕޯޓިންގއިން ކުޅެފައިމިވަނީ އެޓީމުގެ ކޯޗު ރުއި ބޯގެސް މަގާމުން ވަކިކުރިތާ އެއްދުވަސް ފަހުންނެވެ. އަދި މިމެޗު އެޓީމުން ކުޅެފައިވަނީ ވަގުތީ ކޯޗު ޓިއާގޯ ފެނާންޑޭސްގެ އިރުޝާދުގެ ދަށުންނެވެ.
މިކާމިޔާބީ އާއެކު ސްޕޯޓިންގ މިހާރު އުޅެނީ 9 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި ޝަކްޓަރ އުޅެނީ 4 ޕޮއިންޓާއެކު ތާވަލްގެ 20 ވަނައިގައެވެ.