މިދިޔަ މަހުގެ 29 ގެ ނިޔަލަށް %5.3ގެ ކުރިއެރުމަކާއެކު ދައުލަތަށް ޖުމުލަ އަމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި މިދިޔަ މަހުގެ 29ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.79 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %5.3ގެ ކުރިއެރުމެކެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ބަދަލެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.48 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ޓެކްސް އާމްދަނީ ވަނީ %9.1 އިތުރުވެ 26.70 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސްއިން ލިބުނު އާމްދަނީ ވަނީ %5 އިތުރުވެފައެވެ. އެއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.88 ބިލިޔަން ރުފިޔާއިން 9.32 ބިލިޔަން ރުފިޔާއަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދިއުމާއެކު، ފާއިތުވެދިޔަ ހަފުތާއަށް ބަލާއިރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީވެސް ޓީޖީއެސްޓީއިންނެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރިއާއި މުދަލުން ނެގޭ ޓެކްސް ވަނީ %23.7 އިތުރުވެ 6.07 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އިމްޕޯޓް ޑިއުޓީ %12.3 އިތުރުވެ 2.90 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސްގެ ގޮތުގައި 4.63 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ %2.3 އިތުރުވެ 1.88 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލުން ލިބޭ އާމްދަނީ %28.2 އިތުރުވެ 2.27 ބިލިޔަން ރުފިޔާއަށް އަރާފައިވަނީ ރިސޯޓްތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. ހިލޭ އެހީގެ ގޮތުގައި 0.53 ބިލިޔަން ރުފިޔާ ލިބިފައިވީ ނަމަވެސް، ޖުމްލަ ޓެކްސް ނޫން އާމްދަނީ ވަނީ %8.8 ދަށަށް ގޮސްފައެވެ.

ދައުލަތަށް 34.52 ބިލިޔަން ރުފިޔާގެ އާމްދަނީއެއް، %5 ކުރިއެރުމެއް
ދައުލަތަށް 34.52 ބިލިޔަން ރުފިޔާގެ އާމްދަނީއެއް، %5 ކުރިއެރުމެއް

ރާއްޖެއަށް އައި ފަތުރުވެރިން ތަކެއް، ފޮޓޯ: އެމްއޭސީއެލް

ޚަރަދުތަކަށް ބަލާއިރު، މިދިޔަ މަހުގެ29 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 38.99 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %16.2 އިތުރުވުމެކެވެ. މީގެ ތެރެއިން ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ %16.9 އިތުރުވެ 33.68 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %12 އިތުރުވެ 5.30 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު %14.7 އިތުރުވެ 6.15 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 20.28 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ބިމާއި އިމާރާތް ފަދަ އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު %10.4 އިތުރުވެ 4.63 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. ބިމާއި އިމާރާތްތަކަށް ކުރި ހޭދަ %35.4 އިތުރުވެފައިވާއިރު، ފާލަންތަކާއި ބަނދަރުތަކަށް ކުރި ޚަރަދު ވެސް ވަނީ %20.1 އިތުރުވެފައެވެ.

އެހެނިހެން މުހިންމު ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީއަށް ކުރި ހޭދަ %34.9 އިތުރުވެ 10.81 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. ސަބްސިޑީއަށް 4.31 ބިލިޔަން ރުފިޔާ އަދި އާސަންދައަށް 1.96 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި 2.08 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

މިދިޔަ މަހުގެ 29ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް ހުރީ 4.47 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.