ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ "ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންސް 2027" ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫ ފުރަތަމަ ފަހަރަށް ހިމެނި، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

މި ރޭންކިންގައިވާ ގޮތުން އެމްއެންޔޫ ވަނީ، މުޅި އޭޝިއާ ސަރަޙައްދުގެ 1101 އާއި 1200 އާ ދެމެދުގެ ބޭންޑުގައި ހިމެނިފައެވެ. އަދި ދެކުނު އޭޝިއާގެ ގަދަ 400 ޔުނިވާސިޓީގެ ތެރޭގައި ހިމެނިފައިވާއިރު، ރާއްޖޭގެ ޔުނިވާސިޓީތަކުގެ ތެރެއިން އެމްއެންޔޫ ވަނީ މި ރޭންކިންގެ އެއްވަނަ މަޤާމު ކަށަވަރުކޮށްފައެވެ.

އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި ހިމެނުމަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އިންޑިކޭޓަރުތަކާ އަޅާބަލާއިރު ޔުނިވާސިޓީގެ ފެންވަރާއި ޕާފޯމަންސް ވަޒަންކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މީގެއިތުރުން ޔުނިވާސިޓީގެ އެންމެ ރަގަޅު ދާއިރާތައް ދެނެގަތުމަށާއި، ތަޢުލީމީ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

މި ޝަރަފުވެރި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ، މި ލަނޑުދަނޑި ހާސިލުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ޔުނިވާސިޓީގެ އެންމެހައި މުވައްޒަފުންނާއި، ދަރިވަރުން އަދި ހެޔޮ އެދޭ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.

"މިއީ މާތް اللهގެ ފަޟްލުވަންތަކަމާއެކު، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިޚްލާޞްތެރި ޚިދުމަތުން އަޅުގަނޑުމެންނަށް ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް. މި ޝަރަފަކީ ހަމައެކަނި މި ޔުނިވަރސިޓީއަށް ލިބުނު ކުރިއެރުމެއް ނޫން. މިއީ، ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށްވެސް ލިބުނު ފާހަގަކޮށްލެވޭ ރީތި ނަމެއް. މި ހަރުފަތަށް ވާސިލުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ނަމަވެސް، ކުރިއަށް އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަން". އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ.

ކިއުއެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްއިން ޔުނިވަރސިޓީތައް ވަޒަންކުރަނީ، ގިނަ މިންގަނޑުތަކަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އެޔުނިވާސިޓީއަކުން ރިސާޗުތައް ނެރޭ މިންވަރާއި ފެންވަރު، މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތް، ބައިނަލްއަޤުވާމީ ގޮތުން އެޔުނިވާސިޓީއެއްގެ ތަޢުލީމް ފުޅާކޮށްފައިވާ މިންވަރުގެ އިތުރުން ރިސާޗުތައް ކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން އެއްބާރުލުން ދޭ މިންވަރުވެސް ހިމެނެއެވެ.

މި ކާމިޔާބީއަކީ، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ބަލައިގަންނަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ.