ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި ބަދަލު އުނިކޮށް، ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި މަޖިލީހުން ނިންމާނެކަމަށް ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޑަބްލިއުޓީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ، ސަރުކާރުން ނަގަން ނިންމި ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އުނިކުރަން ނިންމުމާ ގުޅޭގޮތުންނެވެ.

ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ޖުމްލަކޮށް ރާއްޖޭގައި ޚިދުމަތްދޭ ރިސޯޓުތަކާއި ހޮޓެލްތައް އަދި ފަތުރުވެރިކަމުގެ ޚިދުމަތްތައް ދޭ ފަރާތްތަކުން ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ރަނގަޅަށް ބޯލަނބާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޚިދުމަތް ދިނުމުގައި މާކެޓު އަގުތައް (ފެއަރ ޕްރައިސް)އަށް ޚިދުމަތްދެމުން ނުދާކަން ފާހަގަވާ ކަމަށެވެ.

ސަރުކާރުން ޓުއަރ އޮޕަރޭޓަރުން އަތުން %17ގެ ޓީޖީއެސްޓީއެއް ނަގަން ނިންމީ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނަށް ގެނައި ބަދަލާއެކު، އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން އެކަން ވަނީ ތަންފީޒުކުރަންވެސް ފަށާފައެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ބޮޑެތި ޓުއަރ އޮޕަރޭޓަރުންވެސް މީރާގައި ރަޖިސްޓްރީކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ޓެކްސް އުސޫލަށް 2 ހަފުތާތެރޭގައި ބަދަލު ގެންނާނެ"
"ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ޓެކްސް އުސޫލަށް 2 ހަފުތާތެރޭގައި ބަދަލު ގެންނާނެ"

ޢަބްލިއުޓީއެމްގައި ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ:ވިސިޓް މޯލްޑިވްސް

ނަމަވެސް ސަރުކާރުން މިހާރުވަނީ، ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނުނަގަން ނިންމައި އެކަން ކުރިން އޮތްގޮތަށް ބަދަލުކުރުމަށް ނިންމާފައެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް ނިންމީ، އިންޑަސްޓްރީން އަންނަމުންދިޔަ ކަންބޮޑުވުންތަކަށް ބަލައި، ކަމާގުޅޭ އިދާރާތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުކަމަށެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާ، އެޓަރނީ ޖެނެރަލް އަދި ކޮމިޝަނަރ އޮފް ޓެކްސޭޝަން، މަޓީ އަދި އިންޑަސްޓްރީގެ އިސް ފަރާތްތަކާއެކުގައިވެސް ބައްދަލުކުރައްވާފައިވާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

މިބަދަލު ގެނައުމަށް މިހާރު މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށައަޅާފައިވާއިރު، ކުރިއަށް އޮތް ހަފުތާ ނުވަތަ ދެ ހަފުތާއެއް ތެރޭގައި ބިލު ފާސްކޮށް، މިކަން ހައްލުވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ބަދަލު ގެނައުމުގައިވެސް، މާކެޓުގެ ހަމައަގު (ފެއަރ ޕްރައިސް) ހޯދުމުގެ ޖާގަ މީރާއަށް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީރާއަށް ޖާގަ ލިބޭނެ ފެއަރ ޕްރައިސްއެއް ކަނޑައެޅުމުގައި. މާކެޓުގައި ހަގީގަތުގައި ވިއްކާ އަގަށްވުރެ ދަށް އަގެއް ރިސޯޓު އޮޕަރޭޓަރުން ޓީޖީއެސްޓީއަށް ހުށައަޅައިފިއްޔާ، އެކަމެއް ބަލާ، ފެއަރ ޕްރައިސް ހޯދުމުގެ ޖާގަ މީރާއަށް ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އިންޑަސްޓްރީއާއި އިންވެސްޓަރުން އަދި ޑިވެލޮޕިން ޕާޓްނަރުންނާއި އަދި މުޅި ސިނާއަތުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. ރާއްޖޭގައި މިސިނާއަތުގައި މަސައްކަތް ކުރާ އެއްވެސް ފަރާތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުންދީ މަސައްކަތް ކުރާނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.