ކުޅިވަރު އެތުލީޓުންނަކީ ހަނގުރާމައިގެ މައިދާނަށް ކަނޑިއާއި ބަޑި ހިފައިގެން ނުކުންނަ ބަޔަކަށް ނުވި ނަމަވެސް، އަމިއްލަ ދީބަށްޓަކައި ގުރުބާނީތަކެއްވާ ބަތަލުންތަކެކެވެ.
ވަޒަނާއި ތީރުގެ ހަމަލާތަކުން ޒަހަމްވެ ލެއިން ހަށި ފާއްދާނުލި ނަމަވެސް، ޖެހިލުންކުޑަކަމާއިއެކު ޤައުމަށް ޝަރަފާއި ކާމިޔާބީ ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގައި ލޭ އޮހޮރުނު އެތައް ހާލަތެއް، އަދި ހަށިގަނޑުގެ އެކި ގުނަވަންތަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ފަހަރުތައް ވެސް އެތުލީޓުން ދެކެއެވެ.
ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި އިންޑިއާއާ ދެކޮޅަށް 2008ވަނަ އަހަރު ކުޅެ ރާއްޖެ ފުރަތަމަ ރަން ތަށި ހޯދި ފައިނަލް މެޗުގައި އަލީ އަޝްފާޤުގެ ނޭފަތް ފަޅައިގެން ދިއުމާއި، އެފަހުން މެޗެއްގެ ތެރެއިން އިމްރާން މުޙައްމަދުގެ އިނގިއްޔަކަށް ލިބުނު ގެއްލުމަކީ ދިވެހިން އެވާހަކަތަކަކަށް ފަރިތަ ވާހަކައެކެވެ.
މި އާޓިކަލްގައި ގެނެސްދޭން މި މަސައްކަތްކުރަނީ، ލެޔާއި ދަލުން ނޫންނަމަވެސް، ކުޅިވަރުގެ ދާއިރާއިން މި ޤައުމަށް ރީތި ޝަރަފާއި ނަން ހޯދައިދިނުމަށް ފުޓުބޯޅަ ކުޅުންތެރިއަކު ވަމުންދާ ގުރުބާނީއެއްގެ ވާހަކައެވެ.
ބުނާތީ އަޑުއަހަމެވެ. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއެވެ. ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުގައި ހިމެނޭ އުމުރުން 29 އަހަރުގެ އަޙްމަދު އަައިހަމް (އައިހު) "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރި ވާހަކައިން، އެކަން ހަމަ ހަގީގަތުގައި ވެސް ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ.
ޤައުމީ ޓީމުން މިދިޔަ މަހުގެ 26އިން މިމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނީޝިއާގައި ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދިޔައިރު، އައިހަމް ކޭމްޕާ ގުޅުނީ 28ވަނަ ދުވަހުއެވެ. އެހެންކަމުން "ނޫސްވެރިއެއް"ގެ ގޮތުގައި މި ކޭމްޕު ކަވަރުކުރުމަށް ގޮސް ހުރި މީހެއްގެ ހައިސިއްޔަތުން، އައިހު ޓީމާއެކު ނައި ސަބަބު އަހައި އޮޅުން ފިލުވީމެވެ.
އައިހަމް ހިއްސާކުރި ގޮތުގައި ޓީމާއެކު އޭނާއަށް އިންޑޮނީޝިއާއަށް ނާދެވުނީ، އޭނާގެ ދެވަނަ ދަރިފުޅު އުފަންވި ދުވަސްވަރާ ދިމާވުމުންނެވެ. "ސިޒޭރިއަން" ހަދައިގެން، އުނދަގޫ ދަތި ހާލުގައި ހުރެވެސް އައިހަމްގެ އަންހެނުން ސަމާ މުޖްޠަބާ އެދުނީ "ޤައުމީ ޚިދުމަތަށް، ޤައުމީ ޓީމާއެކު ދިއުމަށެވެ".
"އިނގޭ ބޭބީއަށް ތިން ދުވަސްކަން. ނުދާންވެސް ވިސްނިން. އެކަމަކު އަންހެނުން ބުނީ، ދާންވާނޭ. ޤައުމީ ޓީމަށް ކުޅުމަކީ އެއީ ޤައުމީ ކަމެކޭ. ޤައުމަށް ކޮށްދެވޭ ޚިދުމަތެކޭ ތިއީ. އެހެންވީމަ ކޮންމެހެން ވެސް ދާންވާނޭ. ދެން މަންމަމެންވެސް ކައިރީގައި ތިބީމައި، އަދި އަންހެނުންވެސް އެހާ ސަޕޯޓު ދޭތީ މި ނިންމުން ނިންމީ".
އަންހެނުންވީ ގުރުބާނީގެ ބަދަލުގައި އައިހަމް ބޭނުންވަނީ ސާފްގެ ތަށި، ދިވެހި ފަސްގަނޑަށް ގެންނާށެވެ.
"މި މުބާރާތް ދެގޮތަކުން އަޅުގަނޑަށް ޙާއްސަ. އެއްގޮތުން މިއީ އަޅުގަނޑުގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް. ތިންވަނަ ފަހަރަށް ތަށި ހޯދަން އަޅުގަނޑުގެ ބެސްޓު ދޭނަން. ދެވަނަ ކަމަކަށް، އަންހެނުން އެވީ ގުރުބާނީގެ ބަދަލެއްގެ ގޮތުގައި، ދެން ދުރުގަހުރި ދެ ދަރިންނަށްޓަކައި އަދި ޖުމްލަކޮށް ހުރިހާ ދިވެހިންނަށްޓަކައި މި ތަށި ހޯދަން ބޭނުން. އެކަމަށް ވަރަށް މަސައްކަތްކުރާނަން". އޮޑި ސްޕޯޓްސް ކުލަބުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޤައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ބުންޏެވެ.

2015 ވަނަ އަހަރުން ފެށިގެން އައިހަމް ފުޓުބޯޅަ ކުޅެން ފެށިނަމަވެސް، ސީނިއަރ ފުޓުބޯޅަ ރަސްމީ ފެންވަރެއްގައި އޭނާ ފެށީ 2016ވަނަ އަހަރު، ޓީސީ ސްޕޯޓްސް ކުލަބުންނެވެ. ޓީސީގައި ހުރެފައި އޮޑިއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށްވެސް ކުޅެފައެވެ.
9 ވަރަކަށް އަހަރު ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ހޭދަކުރުމަށްފަހު އައިހަމް އެންމެފުރަތަމަ ޤައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރުއެވެ.
އައިހަމް ޤައުމީ ޓީމާއެކު ކުޅޭ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ބުރާސްފަތި ދުވަހު ފަށާއިރު ރާއްޖެއިން ފުރަތަމަ މެޗު ކުޅޭނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ކުޅޭނީ އިންޑިއާއާ ދެކޮޅަށް، މިމަހުގެ 11ވަނަ ދުވަހުއެވެ.