ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމެނޭ، "ވިސިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2027" އެޑިޝަން ނެރެފިއެވެ. މި ފޮތް އިފްތިތާހުކުރީ ވޯލްޑް ޓްރެވަލް މާކެޓް ލަންޑަންގައި، ދިވެހިރާއްޖޭގެ ސްޓޭންޑްގައި ބޭއްވި އިވެންޓުގައެވެ.
ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތައް ޝާއިއުކޮށް ނެރޭ ފޮތެކެވެ. މި އިވެންޓްގައި ފޮތް ނެރެދެއްވީ ފަތުރުވެރިކަމާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.
ޑެސްޓިނޭޝަން ގައިޑާ ގުޅޭގޮތުން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މާކެޓާ ޙިއްސާކުރުމަށް ވަރަށް ރޭވުންތެރިކަމާއެކު، ގިނަ މަޢުލޫމާތުތަކެއް ހިމެނޭހެން ތައްޔާރުކޮށްފައިވާ ފޮތެއްކަމަށެވެ.
ރާއްޖޭގެ ރިސޯޓްތަކާއި، ޓުއަރ އޮޕަރޭޓާރުންނާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުތައް މި ފޮތުގައި ވަނީ ހިމަނާފައެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ މެންބަރ ޕްރޮޕަޓީތައް، ރާއްޖޭގެ އާދަކާދަ، ސަޤާފަތާގުޅޭ މުހިންމު ކަންކަން ހިމެނޭނެ. މި ފޮތް މި ފެއަރގައި ލޯންޗްކުރުމުގެ ބޭނުމަކީ، ބީޓުބީ ބައްދަލުވުންތަކުގައި މި މަޢުލޫމާތުތައް ވިޔަފާރިތަކާ ޙިއްސާކުރެވި، އަދި އެމީހުން މެދުވެރިކޮށް ރާއްޖެ ދާން ބޭނުންވާ ފަތުރުވެރިންނަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން." ޔާސިރު ވިދާޅުވިއެވެ.
އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަހަރެވެ.
މި ނެރުނު މޯލްޑިވްސް ޓްރެވަލް ގައިޑްގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ދަތުރުފަތުރާ ގުޅޭ ގިނަ މަޢުލޫމާތުތައް ހިމެނެއެވެ. މިއީވެސް ބައިނަލްއަޤްވާމީ ވިޔަފާރީގެ ބައިވެރިންނަށާއި ޗުއްޓީ ހޭދަކުރުމަށް ރާވާ ފަތުރުވެރިންނަށް ބޭނުންތެރި މަޢުލޫމާތު ލިބިގެންދާނެ އިތުރު ވަޞީލަތެކެވެ.
