އެމެރިކާގެ ސިޔާސީވެރިން ބަދަލުވި ނަމަވެސް އަދި އެމެރިކާ ހިތްހަމަޖެހޭ ފަދަ ގޮތަކަށް އީރާނުން އެ ގައުމަށް ދޫ ދީން ނަމަވެސް، އީރާނާމެދު އެމެރިކާއިން ގެންގުޅޭ އަދާވާތްތެރި ކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އީރާނުގެ އެންމެ އިސްވެރިޔާ މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އެމެރިކާގެ މެދު ދައުރުގެ އިންތިހާބުގައި ރިޕަބްލިކަނުންގެ މައްޗަށް ޑިމޮކްރަޓުން ކުރި ހޯދުމާ ގުޅިގެންނެވެ.

ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އީރާނާ މެދު އަމަލުކުރާ ގޮތަށް ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުކުރުން ވެގެން ދާނީ ކުރެވޭ ކުށް ހީއަކަށް ކަމަށެވެ. އެމެރިކާއިން އީރާނަށް އައު ހަމަލާތައް ދީފި ނަމަ އީރާނުން އޭގެ ރައްދު ދޭނީ ކުރިއަޅާ ބަލައިއިރު މާ ވަރުގަދަކޮށް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ ދިނުމާއި، ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަކީ އެމެރިކާއިން ގަދަދެއްކުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއަށް އެ ގައުމުގެ ބާރު އެތައް ޒަމާނެއް ވަންދެން ދެމެހެއްޓޭނެ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އެމެރިކާގެ ގަދަފަދަކަން ނިމުމަކަށް އައުމަށް ގާތް ވެފައިވާ ކަމަށް އީރާނުން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް މެދު ދައުރުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާމެދު އީރާނުން އުފާ ކުރެއެވެ. އީރާނުން ބުނީ ވޯޓުގެ ނަތީޖާއިން ދައްކުވައިދެނީ އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ އެ ޤައުމުގެ ރައްޔިތުން ނުރުހޭ ކަން ކަމަށެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣާލިބަފް ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އީރާނުން ތާއީދު ކުރާ ކަމަށެވެ.

ހަނގުރާމައަށް ރައްޔިތުން ނޫނެކޭ ބުނެފައިވަނިކޮށް އެމެރިކާގެ ސަރުކާރުން އެ ނިންމުމަށް އިހްތިރާމް ކުރަންވާނެ ކަމަށާއި، އަލުން އީރާނަށް ހަމަލާ ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އިންތިހާބުގައި ޑިމޮކްރަޓުންނަށް ލިބުނު ކާމިޔާބީއަށް އީރާނުން މަރުހަބާ ކީ ނަމަވެސް، އިންތިހާބުގައި ބަލިވުމުން އޭގެ ބަދަލުގައި އީރާނަށް އަލުން އަސްކަރީ ހަމަލާތަކެއް ދިނުން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭތީ އީރާން އަދިވެސް އޮތީ ސަމާލުގައި ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.