އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަދުވެގެން ހަތް ގޮނޑި ވަރުގަދަ މުސްލިމް ޝަހުސިއްޔަތުތައް ކާމިޔާބުކޮށްފިއެވެ. މިއީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގައި މުސްލިމުން ތަމްސީލް ކުރުމަށް ލިބިފައިވާ ތާރީހީ ކުރިއެރުމެކެވެ.

ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ މެދު ދައުރުގެ އިންތިހާބުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މައްޗަށް ޑިމޮކްރަޓުން ކުރި ހޯދުމުން އެ ޕާޓީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ގާނޫނުހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓާއި ތިރިގެ ކަމަށްވާ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ވެސް އަގުލަބިއްޔަތު ހޯދާފައި ވަނީ ޑިމޮކްރަޓުންނެވެ. ޑިމޮކްރަޓުންގެ ކެންޕޭނުގައި އިސްކަން ދީފައި ވަނީ މަދަނީ ހައްގުތަކާއި، ސިއްހީ ދާއިރާއާއި ހާރިޖީ ސިޔާސަތަށެވެ. އަލަށް ހޮވިވަޑައިގެންފައިވާ މެންބަރުންނާއި، އިތުރު ދައުރަކަށް ހޮވިވަޑައިގެންފައިވާ މެންބަރުން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޔަހޫދީންނަށް ޝަރުތެއް ނެތި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅަށް ވަކާލާތު ކުރައްވައިފައެވެ.

ޢަބްދުލް އަލްސައްޔިދު، މިޝިގަން

ޑިމޮކްރަޓުންގެ ކެންޑިޑޭޓެއް ކަމަށްވާ އުމުރުން 42 އަހަރުގެ ޢަބްދުލް އަލްސައްޔިދު އިންތިހާބުގައި އެންމެ ގާތުން ވާދަކުރައްވާފައި ވަނީ ރިޕަބްލިކަނުންގެ ކުރީގެ ކޮންގްރެސް މެންބަރު މައިކް ރޯޖާސްއާއެވެ. އޭނާގެ މައްޗަށް ކުރި ހޯއްދަވައި އަލްސައްޔިދު ވެވަޑައިގެންފައި ވަނީ ސެނެޓަށް އިންތިހާބުވި ފުރަތަމަ މުސްލިމް މެންބަރަށެވެ.

މީގެ ކުރިން ފިޒީޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި އާންމު ސިއްހަތުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އަލްސައްޔިދު ކާމިޔާބުކުރައްވާފައިވާ ގޮނޑިއަކީ ސިޔާސީ މައިދާނުން ވަކިވެވަޑައިގަންނަވާ ޑިމޮކްރަޓިކް ސެނެޓަރު ގެރީ ޕީޓާސްގެ ގޮނޑިއެވެ. ކެންޕޭނު ކުރި ދުވަސްވަރު އަލްސައްޔިދުގެ ދީނާ ގުޅުވައި ރިޕަބްލިކަނުންނާއި، ޓްރަމްޕް ވެސް ވަނީ އެކި ގޮތްގޮތަށް ވާހަކަދައްކަވައިފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޑިމޮކްރަޓުންގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަލްސައްޔިދު ވަނީ އެމެރިކާއިން ޔަހޫދީންނަށް ޝަރުތަކާ ނުލައި ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ފާޑުކިޔުއްވައިފައެވެ. އަދި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާނަކީ ނަސްލުހޭދު ކުރުމުގެ އަމަލެއް ކަމަށް ވެސް އޭނާ ސިފަކުރައްވާފައިވެއެވެ. ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި ހޭލޭ ސްޓީވެންސް ވަނީ އިންތިހާބުގެ ދެ ދުވަސް ކުރިން އަލްސައްޔިދަށް ތާއީދުކުރައްވައިފައެވެ. އެއީ އަލްސައްޔިދު ޔަހޫދީންނާ ގުޅޭ ގޮތުން ގެންގުޅުއްވާ ވިސްނުންފުޅާ ގުޅިގެންނެވެ.

އާދަމް ހަމާވީ، ނިއު ޖާޒީ

ޑިމޮކްރަޓުންގެ ކެންޑިޑޭޓެއް ކަމަށްވާ އުމުރުން 56 އަހަރުގެ އާދަމް ހަމާވީ ރިޕަބްލިކަނުންގެ ކެންޑިޑޭޓު ގްރެގް މެލޭ އިންތިހާބުގައި ބަލިކުރައްވައި ނިއު ޖާޒީގެ 12ވަނަ ޑިސްޓްރިކްޓުގެ ގޮނޑި ވަނީ ކާމިޔާބު ކުރައްވައިފައެވެ. މިއީ ނިއު ޖާޒީ ތަމްސީލު ކުރުމަށް މުސްލިމަކު ކޮންގްރެސްއަށް ހޮވިފައިވާ ފުރަތަމަ ފަހަރެވެ.

އާދަމް ހަމާވީއަކީ ޕްލާސްޓިކް ސާޖަންއެކެވެ. މީގެ ކުރިން ހަނގުރާމަމަތީގެ ފިޒީޝަނެއްގެ ގޮތުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއަށް އޭނާ ހިދުމަތް ކުރައްވާފައިވެއެވެ. އަދި ޢިރާޤު ހަނގުރާމައިގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. 2024ވަނަ އަހަރުގެ ތެރޭގައި ޣައްޒާގެ ޔޫރަޕިއަން ހޮސްޕިޓަލުގައި ދަރުމަވެރިއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

ހަމާވީގެ ކެންޕޭނު ކުރައްވާފައި ވަނީ ހުރިހާ ރައްޔިތުންނަށް ވެސް މެޑިކެއާގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ސިއްހީ އަދި ތައުލީމީ ދަރަނި ބާތިލް ކުރުމަށާއި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އިދާރާ އުވާލުމަށާއި އެމެރިކާއިން ޔަހޫދީންނަށް ދޭ އަސްކަރީ އެހީތެރިކަން ނިމުމަކަށް ގެނައުމަށެވެ.

ޑެރިއަލީޒާ އާވީލާ ޝެވަލިއަރ، ނިއު ޔޯކް

ޑެރިއަލީޒާ އާވީލާ ޝެވަލިއަރ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގޮނޑިއެއް ކާމިޔާބުކުރައްވާފައި މިވަނީ ޖޫން މަހުގައި ބޭއްވި ޑިމޮކްރަޓުންގެ ޕްރައިމަރީގައި އެ ގޮނޑީގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އެޑްރިއާނޯ އެސްކައިޕަޓްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

މަދަނީ ހައްގުތަކުގެ އިންވެސްޓިގޭޓަރެއް، އަދި ޕީއެޗްޑީ ވެސް ހައްދަވަމުންދާ ޝެވަލިއަރއަކީ ހަޔާތުގެ ވަކި ހިސާބަކުން އިސްލާމް ދީން ގަބޫލުކުރައްވާފައިވާ ބޭކަނބަލެކެވެ. އޭނާއަށް ވަނީ ވޯޓުގެ 85 އިންސައްތައަށް ވުރެ މަތިން ލިބިވަޑައިގެންފައެވެ. އޭނާގެ ކެމްޕޭނުގައި ބޮޑަށް އަލިއަޅުވާލައްވާފައި ވަނީ މުޖުތަމައުގެ މެދުގައި ގުޅުން ވަރުގަދަކުރުމާއި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މައްޗަށެވެ.

މީގެ ކުރިން ވެސް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގައި ތިއްބެވި ހަތަރު މުސްލިމް މެންބަރުން ވަނީ ދެ އަހަރުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފައެވެ. ޚާރިޖީ ސިޔާސަތުތަކާއި ފަލަސްޠީނުގެ ހައްގުތަކާ ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި އެ ބޭފުޅުން އަދާ ކުރައްވަމުން ދިޔަ ދައުރު ދާނީ ދަމަހައްޓަވަމުންނެވެ.

ރަޝީދާ ތަލީބް، މިޝިގަން

ފަލަސްޠީނާއި އެމެރިކާއާ ދެ ޤައުމަށް ނިސްބަތްވެވަޑައިގެންަނަވާ ތަލީބް ވަނީ އެ ސްޓޭޓުގެ 12ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓު ތަމްސީލު ކުރެއްވުމަށް ފަސްވަނަ ދައުރެއް ކާމިޔާބު ކުރައްވައިފައެވެ. އޭނާ ވާދަކުރައްވާފައި ވަނީ ރިޕަބްލިކަންއެއް ކަަމަށްވާ ޖޭމްސް ހޫޕަރއެވެ.

އެމެރިކާއާއި ފަލަސްޠީނަށް ނިސްބަތްވާ ހަމައެކަނި ކޮންގްރެސް މެންބަރު ކަމަށްވާ ތަލީބް ހަތިޔާރާ ބެހޭ އެމެރިކާގެ އަދި ބައިނަލްއަގްވާމީ ގަވާއިދުތައް ތަންފީޒު ކުރުމަށް ގޮވައިލައްވައެވެ. އަދި އާންމުންނަށް ހިމާޔަތް ދިނުމާއި ފަލަސްޠީނުން އަމިއްލަ ނިންމުންތައް ނިންމުމަށް ފުރުސަތު ދިނުމަށް އޭނާ ގޮވައިލައްވައެވެ.

އިލްހާން އޮމަރް، މިނެސޯޓާ

އިލްހާން އޮމަރު ވަނީ މިނެސޯޓާގެ ފަސްވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލް ކުރެއްވުމަށް ފަސްވަނަ ދައުރެއް ކާމިޔާބު ކުރައްވައިފައެވެ. އޭނާ ވަނީ ރިޕަބްލިކަން ކެންޑިޑޭޓު ޖޯން ނަގެލްއާއި އަމިއްލަ ކެންޑިޑޭޓު ޑިވެލް ޖެކްސަންގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.

ސޮމާލިއާއާއި އެމެރިކާއަށް ނިސްބަތްވެވަޑައިގަންނަވާ އިލްހާން އެމެރިކާއަށް ހިޖުރަކުރައްވާފައި ވަނީ އުމުރުން 12 އަހަރުގައެވެ. 2019ވަނަ އަހަރު ގާނޫނުހަދާ މަޖިލީހަށް އޭނާ ހޮވިވަޑައިގަތުމާއެކު އޭނާ ވަނީ މެންބަރު ކަމަށް ހޮވިވަޑައިގެންނެވި އެމެރިކާއާއި ސޮމާލިއާއަށް ނިސްބަތްވާ ފުރަތަމަ ބޭކަނބަލަށް ވެވަޑައިގެންފައެވެ.

އެކަމަނާއަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތު ކުރައްވަވައި، އަދި އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުުމުގެ ކަންކަން ބެލެހެއްޓުމަށް ވަކާލާތު ކުރައްވާ ބޭކަނބަލެކެވެ.

އަންޑްރޭ ކާސަން، އިންޑިއާނާ

ގާނޫނުހަދާ މަޖިލީހަށް 2008ވަނަ އަހަރު ފުރަތަމަ ފަހަރަށް ހޮވިވަޑައިގެންނެވި ކާސަންއަކީ ހައުސް އޮފް ރިޕްރެޒެންޓޭޓިވްގައި އިންނަވާ އެންމެ ގިނަ ދުވަސްވީ މުސްލިމް މެންަބަރެވެ. އިންޑިއާނާޕޮލިސްގެ 7ވަނަ ކޮންގްރެޝަނަލް ޑިސްޓްްރިކްޓްގެ ގޮނޑި އޭނާ ދިފާއު ކުރައްވާފައި ވަނީ ރިޕަބްލިކަނުންގެ ޕެޓްރިކް މިކްއައުލޭއާއި ލިބެރިޓޭރިއަން، ޖޭމްސް ސީނިއަކްއާ ވާދަކުރައްވައި ކުރި ހޯއްދެވުމަށް ފަހުގައެވެ.

އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ޤާނޫނީ މުއައްސަސާތަކަށް ބާރު ދިނުމާއި، ހަމަހަމައަށް އިންސާނީ ކަރާމާތް ދިނުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ލަތީފާ ސައިމަން، ކެލިފޯނިއާ

ކެލިފޯނިއާގެ 12ވަނަ ޑިސްޓްރިކްޓުގެ ގޮނޑި ލަތީފާ ދިފާއުކުރައްވާފައި ވަނީ ޑިމޮކްރަޓުންގެ ޖޭމީ ޖޮއިސްއާ ވާދަކުރެއްވުމަށް ފަހުގައެވެ. އޭނާ އަކީ ހަމަލާ ދިނުމަށް ބޭނުންކުރާ ހަތިޔާރު އެެމެރިކާއިން ފޯރުކޮށްދިނުމާ ދެކޮޅަށް ވަކާލާތުކުރައްވާ ބޭކަނބަލެެކެވެ.

މުސްލިމް ކެންޑިޑޭޓެއް ކަމަށްވާ އައިޝާ ވައްހާބް ވެސް މި ވަގުތު އޮތީ ކެލިފޯނިއާގެ އިތުރު ދާއިރާއެއްގެ އިންތިހާބުގައި ކުރީގައެވެ. އެ ދާއިރާގެ ވޯޓު އަދި ގުނައެއް ނުނިމެއެވެ.