އެކުވެރިކަމުގެ މެޗަކަށް ބްރެޒިލް އިންޑިޔާއަށް ގެންގޮސް އެގައުމަށް ދައްކަން ޖެހޭ ފީ ނުދެއްކި، އިންޑިޔާގެ ފުޓްބޯޅަ ބޮޑު މައްސަލަ ގަނޑަކަށް ވެއްޓިއްޖެ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބްރެޒިލްގެ ސީނިއާ ގައުމީ ޓީމު ފުރަތަމަ ފަހަރަށް އިންޑިޔާ އަށް ގެންދިޔައީ އިންޑިއާގައި ފުޓްބޯޅަ މާކެޓް ކުރުމުގެ ގޮތުންނާ ވެސް އެކުގަ އެވެ. މިކަމަށް ބޮޑު ހޭދައެއް ކުރަން ޖެހުނުއިރު މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ މެޗު ކުޅެން ބްރެޒިލްއިން ކަނޑައެޅި ފީ އިންޑިއާ އަށް ނުދެއްކުމެވެ.
އާއްމުކޮށް ބްރެޒިލްއިން އެކުވެރިކަމުގެ މެޗުތައް ކުޅެނީ ފަސް މިލިޔަން ޑޮލަރަށެވެ. ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ގައުމުން އިންޑިއާ އަށް މެޗު ކުޅެން ދިޔަ ކަމަށްވަނީ 4.5 މިލިޔަން ޑޮލަރަށެވެ. ނަމަވެސް މީގެ ތެރެއިން 80 ޕަސެންޓް ފައިސާ ނުދެއްކިވާއިރު އުރުގުއޭ އާއި ޕެނަމާ ގެންގޮސް ކުޅުވި މެޗުތަކުގެ ފައިސާ ވެސް ދައްކަން އިންޑިއާ ވަނީ ނުކުޅެދިފަ އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ފުޓްބޯޅަ އެކްސްކޯގައި ކުރި މަޝްވަރާތައް ވެސް ވަނީ ހޫނުވެފަ އެވެ. ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ކުރީގެ ގޯލްކީޕަރު ކަލިއާން ޗައުބޭ އާދިއްތަ ދުވަހު ބޭއްވި އެކްސްކޯ ބައްދަލުވުމަށް ހުށަހެޅުއްވީ ފެޑަރޭޝަނުގެ ރަސްމީ ރިޒާވްގައި ހުރި ފައިސާއިން ބްރެޒިލްއާއި އުރުގުއޭ އާއި ޕެނަމާ އަށް ފައިސާ ދެއްކުމަށެވެ. އޭނާ ހުށަހެޅުއްވީ ރިޒާވްގައި ހުރި 6.1 މިލިޔަން ޑޮލަރު އެބަހުއްޓެވެ. ނަމަވެސް ރައްކާކޮށްފައިވާ ފައިސާގެ ގޮތުގައި ވަނީ ގާތްގަނޑަކަށް ތިން މިލިއަނެއްހާ ޑޮލަރެވެ.
ޗައުބޭ ހުށަހެޅުއްވި ގޮތަށް މި ފައިސާ ބޭނުންކޮށްގެން މެޗު ފީ ދައްކަން ގިނަ އެކްސްކޯ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް ޕްރްފުލް ޕަޓޭލް ވެސް ހިމެނެ އެވެ. އޮންލައިންކޮށް ބައިވެރިވަޑައިގެން މިކަމާ ދެކޮޅަށް ޕަޓޭލް ވާހަކަ ދެއްކެވިއިރު އޭނާ ވަނީ އޭނާގެ ރައީސް ކަމުގައި 2018 ވަނަ އަހަރު ރިޒާވްގައި ހުރި ފައިސާ ބޭނުން ކުރުމުގެ ލިބުނު ގެއްލުން ބޮޑުކަމަށް ވިދާޅުވެފަ އެވެ.
ރިޒާވްގައި ހުރި ފައިސާ ބޭނުންކުރުމަށްފަހު ސްޕޮންސަރުންނާއި އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާ ލިބުމުން ރިޒާވްއިން ނަގާބައި އަދާކުރުމަށް ޗައުބޭ ހުށަހެޅުއްވި ނަމަވެސް ގިނަ މެމްބަރުން ވަނީ ދަރަނި ދައްކަން އެކަށީގެންވާ ޕްލޭނެއް ހެދުމަށް ލަފާދެއްވާފަ އެވެ. އަދި މިކަމުގައި ބްރެޒިލާއި އުރުގުއޭ ފެޑަރޭޝަނާއެކު އިތުރަށް މަޝްވަރާކޮށް ލުއިގޮތްތަކެއް ހޯދުމަށް ވެސް ވަނީ ލަފާދެއްވާފަ އެވެ.
ބްރެޒިލް މެޗުން އިންޑިއާ މާލީ އަނދަވަޅަކަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed