މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި 'މޯލްޑިވްސް ކޯނަރ އިން މެލޭޝިޔާ'ގެ ނަމުގައި ބުކް ކޯނަރއެއް ހުޅުވައިފިއެވެ.
އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. މަރިޔަމް ޝަބީނާ އަޙުމަދެވެ. މި ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި އެ ޤައުމުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން ބައިވެރިވިއެވެ.
މި ކޯނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރ ވިދާޅުވީ، މިފަދަ ކޯނަރއެއް ޤާއިމުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށާއި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ދިވެހި ފޮތްތައް ފަސޭހައިން އެއްތަނަކުން ލިބޭނޭ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކަން އުފެދި، ދިވެހިބަހާއި ސަޤާފަތަކީ އެކުދިންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބަލައިގަތުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
On the occasion of the Victory Day of the Maldives, H.E. Dr. @Mariyam_Shab inaugurated the Maldives Corner, an initiative providing the Maldivian community in Malaysia access to a growing collection of Dhivehi books for borrowing. https://t.co/Qt4Yt1Jza6
— Maldives Centre 🇲🇾 (@maldivescentre)November 4, 2026
މި ކޯނަރ މެދުވެރިކޮށް ރާއްޖޭގެ މުއްސަނދި ޘަޤާފަތާއި، ތާރީޚާއި، ދިވެހި އަދަބިއްޔާތާ ބެހޭ ފޮތްތައް މެލޭޝިޔާގެ އެކި ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ލައިބްރަރީތަކަށާއި ތަޢުލީމީ މަރުކަޒުތަކަށް މެލޭޝިޔާގެ ޝާއިޢުކުރުންތައް ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ދިވެހި ދަރިވަރުންނާއި މެލޭޝިޔާގައި ދިރިއުޅޭ ފަރާތްތަކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޢިލްމީ ދިރާސީ ކަރުދާސްތައް ބޭނުންވާ އެހެން ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައެކެވެ.
މީގެ އިތުރުން "ކަލްޗަރަލް ޑިޕްލޮމެސީ"ގެ ދަށުން އަދަބީ އަދި ސަޤާފީ ތަފާތު ހަރަކާތްތައް ހިންގުމާއި، ދިވެހި ސަޤާފަތާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. 'މޯލްޑިވްސް ކޯނަރ-މެލޭޝިޔާ' އަށް ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ، ދިވެހިބަހުގެ އެކަޑަމީ، ނޮވެލްޓީ ބުކްޝޮޕް އަދި އަމިއްލަ ފަރާތެއް ކަމަށްވާ 'ތަކެތި'ގެ ފަރާތުން ވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ.
ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުމާ ގުޅުވައިގެން، 2025ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7ވަނަ ދުވަހު ސޮފްޓް ލޯންޗުކުރެވުނު މި ކޯނަރގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ރާއްޖޭގެ ލައިބްރަރީތަކަށާއި ތަޢުލީމީ މަރުކަޒުތަކަށް ފޯރުކޮށްދިނުމަށްވެސް ވަނީ ރޭވިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން"ގެ ޚިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.