ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސައުތު ކޮރެއާ އަތުން ބަލިވެއްޖެއެވެ.
ޗައިނާގެ ޔިންޗުއާން ޖިމްނޭޒިއަމްގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 1-5 ގެ ނަތީޖާއަކުންނެވެ.
ދުނިޔޭގެ ފުޓްސަލް ރޭންކިންގެ 69 ވަނައިގައި އޮތް ސައުތު ކޮރެއާއާ ދެކޮޅަށް ރޭންކިންގެ 99ވަނައިގައި އޮތް ދިވެހިރާއްޖެއިން ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ދިވެހިރާއްޖެއިންނެވެ.
އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި މިލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސާދު ނިޒާރުއެވެ. މިއީ ޤައުމީ ފުޓްސަލް ޓީމުގައި ހިމެނިގެން ސާދު ކުޅުނު ރަސްމީ ފުރަތަމަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.
ރާއްޖޭގެ ލަނޑަށްފަހު ކޮރެއާއިން ކުޅުން ވަރުގަދަކޮށް ކުރިއަށް ޖެހިގެން ކުޅުނުއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ތިން ލަނޑު ޖަހައި، މެޗުގައި ދެލަނޑުގެ ލީޑެއް ނެގިއެވެ.
އަދި ދެވަނަ ހާފުގައި އިތުރު ދެ ލަނޑު އެޓީމުން ޖަހާފައިވާއިރު އެޓީމުގެ ފަސް ލަނޑުގެ ތެރެއިން ތިންލަނޑު ޖަހައިދިނީ ޝިން ހާ އެވެ. އަދި ރާއްޖޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް އެއް ލަނޑު ވަތްއިރު، އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އެވެ.
މުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗުގައި މިމަހުގެ ހަތްވަނަ ދުވަހު ނުކުންނާނީ ހޮންގް ކޮންގާ ދެކޮޅަށެވެ. ހޮންގް ކޮންގަކީ މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން، ފުޓްސަލް ރޭންކިންގައި ރާއްޖެއަށްވުރެ ދަށުން ދަރަޖަ ކުރެވިފައިވާ ހަމައެކަނި ޤައުމެވެ. ހޮންގް ކޮންގަށް ލިބެނީ ރޭންކިންގެ 118 ވަނައެވެ.
މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ނުވަވަނަ ދުވަހު ނުކުންނައިރު ޗައިނާއަކީ ފުޓްސަލް ރޭންކިންގެ 84 ވަނައިގައި އޮތް ގައުމެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ކުޅޭނީ ހަމައެކަނި ލީގު ބުރެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމަކަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
ފުރަތަމަ މެޗުގައި ސައުތު ކޮރެއާ އަތުން ރާއްޖެއަށް ނާކާމިޔާބީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed