އިންޑިއާގެ އައްސާމްގައި ހުންނަ އޮއިލް އިންޑިއާ ތެޔޮ ކާރުހާނާ ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި ތެންގަހަތު އަވަށުގައި ހުންނަ ތެޔޮ ކާރުހާނާގައި އަލިފާން ރޯވެފައި ވަނީ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުގެ ހެނދުނު، ގާތްގަނޑަކަށް 09:05ހާއިރެވެ. މި ހާދިސާގައި އެ މަރުކަޒުގައި މަސައްކަތް ކުރާ އެކަކު މަރުވެ، ހަ މީހުންނަށް ވަނީ ޒަހަމްވެފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ ސާފުނުކުރާ ތެލާއި ގޭސް ނުސީދާކޮށް ހޫނު ކުރުމަށް ބޭނުންކުރާ އާލާތެއްގެ މެއިންޓެނަންސް މަސައްކަތްތައް ކުރަމުން ދިޔަ ވަގުތެއްގައެވެ. އެ މަސައްކަތް ކުރުމަށް އެ ހީޓަރު ހުންނަ ސަރަހައްދު ހުރީ ނޮވެމްބަރު މަހުގެ 4ވަނަ ދުވަހުން ފެށިގެން ބޭނުން ނުކޮށް އެކަހެރިކޮށްފައެވެ.

އޮއިލް އިންޑިއާއިން ބުނީ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. ހާދިސާގައި އަނިޔާވި މީހުންނަށް ސިއްހީ ފަރުވާ ދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އޮއިލް އިންޑިއާއިން ވަނީ ހާދިސާ ތަހުގީގުކޮށް، ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައެވެ. ލިބުނު ގެއްލުންތަކާ ގުޅޭ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.