ބަންގްލަދޭޝް ދަނޑަށް ދިވެހި ކުޅުންތެރިން އަލެއް ނޫން ކަމަށާއި، ބޭނުންވަނީ ބަންގްލަދޭޝްގައި ރަނގަޅު ނަތީޖާއެއް ނެރެން ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ.
ގައުމީ ފުޓުބޯޅަ ޓީމުން މީގެ ކުރިން ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން 2009 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެއިން ވަނީ ކުޅެފައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން މޮޅުވެ ރާއްޖެއިން ވަނީ ދެވަނަ ފަހަރަށް ސާފް ކާމިޔާބުކޮށްފައެވެ.
ބަންގްލަދޭޝްގައި މީގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބު ހޯދައިފައިވުން އެއީ މިހާރުގެ ޓީމަށް އޮތް ޕްރެޝަރެއް ނޫން ކަމަށް އައިސަމް ވަނީ ފާހަގަކޮށްފައެވެ.
އައިސަމް ބުނީ ގައުމީ ޓީމުން ރަނގަޅު ޓްރެއިނިންގ ކޭމްޕެއް ކުރިނަމަވެސް އަދިވެސް މުބާރާތައް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވާން ވަގުތު ނުލިބޭ ކަމަށް ދެކޭ ކަމަށެވެ. އެކަމަކު، ލީގުގައި މެޗުތަކެއް ކުޅެފައިވުމާއިއެކު ގައުމީ ޓީމުން މިހާރު އޮތީ މުބާރާތައް ރަނގަޅަށް ތައްޔާރުވެވިފައި ކަމަށް ގަބޫލުކުރާ ކަމަށް އައިސަމް ބުންޏެވެ.
"އަސްލު ހިތްހަމަ އެއް ނުޖެހޭ. އެކަމް ދެން ލިބުން ވަރު ރަނގަޅު. އަނެއްހެން ޓީމެއް މުބާރާތައް ރެޑީވާން ދެން އަނެއްހެން ލީގުވެސް މިހާރު ކުރިއަށްދާތީ މިވަރު ރަނގަޅުވާނެ ކަންނޭނގެ. ދެން އަނެއްހެން ޓީމު ވަރަށް ކިކުގައި އޮތީ." އައިސަމް ބުންޏެވެ.
އައިސަމް ބުނީ ޓީމު މިވަގުތު އޮތީ ރަނގަޅު ރޫހެއްގައި ފުރަތަމަ މެޗު ކާމިޔާބުކުރަން ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުން ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް އުންމީދުކުރާކަމަށް އައިސަމް ބުންޏެވެ.
ރާއްޖެއިން ފުރަތަމަ މެޗުގައި މި މަހުގެ އަށްވަަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ޕާކިސްތާނުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-2 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެހެންވެ، މި މެޗަކީ ޕާކިސްތާނަށް ހުރިހާ ގޮތަކުންވެސް މުހިންމު މެޗެކެވެ.
"ބަންގްލަދޭޝް ދަނޑަށް އަލެއް ނޫން، ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރެން"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed