ސަލާމަތާމެދު ޔަގީންކަން ނެތުމުގެ ސަބުން ޖޯޑަންގައި އިންޑޮނީޝިއާ ކުޅެން އޮތް ފުޓުބޯޅަ މެޗު ފަސްކޮށްފިއެވެ.

ޖޯޑަން އެފްއޭއިން ބުނީ އަންނަ ހުކުރު ދުވަހު ދެ ގައުމު އައްމާން އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅެން އޮތް މެޗު ފަސް ކުރަން ޖެހުނު ނަމަވެސް އޮސްޓްރޭލިޔާއާއެކު ކުޅޭ މެޗު ކުރިއަށްދާނެ ކަމަށެވެ.

އިންޑޮނީޝިއާ މެޗު ފަސްވުމުން ޖޯޑަންއިން ވަނީ މި މަހު އިތުރު މެޗެއް އިންތިޒާމް ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވަގުތުގެ ތާށި ކަމާހުރެ މިކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އިންޑޮނީޝިއާއިން މެޗު ފަސް ކުރީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ. ފުރަތަމަ ކަމަކީ މެދުއިރުމަތީގެ ހާލަތު އޮތް ސަލާމަތާ ރައްކާތެރިކަން ކަށަވަރުނުވުމެވެ. ދެ ވަނަ ކަމަކީ މި މެޗަކީ އޭޝިއަން ކަޕަށް ތައްޔާރުވާން ކުޅޭ މެޗަކަށްވެފައި އެ މުބާރާތް މިހާރު އަންނަ އަހަރުގެ ޑިސެމްބަރަށް ފަސްވެފައިވާތީއެވެ. މެޗު ފަސް ކުރުމަށް ބޮޑަށް ބާރު އެޅި ކުޅުންތެރިންނެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސީރިއާގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ވަނީ މިދިޔަ މަހު ޖޯޑަން އަށް މަތިން ހަމަލާދީފައެވެ. މި ހަމަލާތަކުގައި ނުވަ މީހުން މަރުވެ 40 މީހުންނަށް ވަނީ އަނިޔާވެފައެވެ.
މިފަދަ ކަންކަމާހުރެ އޮސްޓްރޭލިޔާގެ ކުޅުންތެރިން ވެސް ތިބީ ޖޯޑަންގައި މެޗު ކުޅެން ދާން ބޭނުންނުވެފައި ކަމަށްވެ އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ. ބައެއް ކުޅުންތެރިން ވަނީ އެ މީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ އޮސްޓްރޭލިޔާގެ ފެޑަރޭޝަނަށް މި މެޗުގައި ބައިވެރިނުވާން އެދިފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާހުރެ ސައޫދީ އަރަބިއާގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސް ކުރީ އެ ގައުމަށް ޔަމަނުގެ ހޫޘީން މެދުނުކެނޑި ހަމަލާދޭތީއެވެ. މީގެ އިތުރުން ހޫޘީންގެ ހަމަލާތަކާހުރެ ސައޫދީގައި ބާއްވަން ހަމަޖައްސާފައިވާ ގިނަ މުބާރާތްތަކެއް ވެސް ވަނީ ފަސްކޮށްފައެވެ. މީގެ ތެރޭގައި ފީފާ އީސްޕޯޓްސް މުބާރާތް ވެސް ހިމެނެއެވެ. މުބާރާތް ފަސްކުރި މައިގަނޑު ސަބަބަކީ ޖަޕާނާއި ބްރެޒިލް ފަދަ ޓީމުތަކުން މި މުބާރާތުން ވަކިވުމެވެ.

މީގެ އިތުރުން ސިކްސް ކިންގްސް ސްލޭމް އެގްޒިބިޝަން ޓެނިސް މުބާރާތް ވެސް ވަނީ ފަސްކޮށްފައެވެ. އޮކްޓޫބަރު މަހު ބާއްވަން ހަމަޖެއްސި މުބާރާތް މިހާރު ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުއެވެ. މީގެ އިތުރުން ވެރިރަށް ރިޔާދްގައި ބާއްވަން ހަމަޖައްސާފައިވަނީ ގޮލްފް އޭޝިއާ ޓުއާ ވެސް ވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފައެވެ.