ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާ ފީފާގެ ގާނޫނީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ އެމިލިއޯ ގާސިއާ ސިލްވޭރޯ އޭނާގެ މަގާމުން އިސްތިއުފާ ދޭން ނިންމައިފިއެވެ.

ފާއިތުވެދިޔަ 8 އަހަރު ޗީފް ލީގަލް އޮފިސަރު ކަމާއި ކޮމްޕްލިއަންސް އޮފިސަރުގެ މަގާމު ފުރުއްވި އެމެލިއޯ އަކީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޓީމުން އިސްތިއުފާ ދެއްވާ ދެ ވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން މިދިޔަ އޮގަސްޓް މަހު ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޯ ވެސް ވަނީ އިސްތިއުފާދީފައެވެ. މިއީ އެމެރިކާގައި ޖުލައި މަހު ބޭއްވި ވޯލްޑް ކަޕަށްފަހު ފީފާގެ މުބާރާތްތައް ހިންގަން ވިޔަފާރި ކުންފުންޏެއް އުފައްދައި އޭގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ވިއްކާލަން އުޅެ އެކަމުގައި ބައިވެރިވާ ގައުމުތަކަށް ފައިސާ ދޭން އަމިއްލައަށް ނިންމެވުމުން އިންފަންޓީނޯ މަގާމުން ދުރު ކުރަން ޔޫރަޕް އިސްވެ އޮވެ ކުރާ މަސައްކަތުގެ ބައެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން ބުނާ ގޮތުގައި ފީފާގެ ގްލޯބަލް ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓް މަގާމުގައި ހުރި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވެސް އޭނާގެ ކޮންޓްރެކްޓް އާނުކުރާނެއެވެ. އަންނަ މާޗު މަހު ބާއްވާ ފީފާގެ އިންތިހާބުގައި އިންފަންޓީނޯއާ ވާދަކުރަން ޔޫރަޕުން ނެރެން ބޭނުންވާ ކެނޑިޑޭޓަކީ ވެސް ވެންގާއެވެ. ނަމަވެސް މިކަމާމެދު ވެންގާ އަދި ވަކި އެއްޗެއް ނުބުނެއެވެ. ކެނޑިޑޭޓުން ފައިނަލްވާނީ މި މަހުގެ 18 ގައެވެ.

ގާސިއާ އަކީ ފާއިތުވެދިޔަ 8 އަހަރު ތެރޭގައި ފީފާ އަށް ބޮޑު ބަދަލުތަކެއް ގެނެސްދިން މީހެކެވެ. ފީފާގެ ފަރާތުން ކާސްގެ ބޯޑުގައި ވެސް ތަމްސީލު ކުރައްވާ ގާސިއާ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ޓްރާންސްފާގެ މައްސަލަތައް ހައްލު ކުރުމަށާއި މިހާރު ބޭނުންކުރާ ޓްރާންސްފާ ސިސްޓަމް ތައާރަފް ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޭނާ ފީފާއިން ވަކިވުމަކީ ސްޕޭނަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށް ދެކޭ މީހުން ގިނައެވެ. ސަބަބަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމަކީ ސްޕޭން ކަމަށްވެފައި ފީފާގެ އެތެރޭގައިހުރި އެ ގައުމުގެ މުހިންމު މީހަކު މަގާމުން ވަކިވާތީއެވެ.

ހަތަރުވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވިޔަ ނުދިބުމަށް މަސައްކަތް ކުރަމުންދަނީ ޔޫރަޕުންނާއި ކޮންކާކަފުންނެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދު އޮތީ އޭނާ އަށް އިންފަންޓީނޯ ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އޭނާ މި ގޮތަށް ބުނާ މައިގަނޑު ސަބަބަކީ ދެކުނު އެމެރިކާ އާއި އެފްރިކާގެ ތާއީދު އޭނާ އަށް އޮވެފައި އޭޝިޔާގެ ގިނަ ގައުމުތަކުން ވަކި ގޮތެއް ނުނިންމާތީއެވެ.