އިޓަލީވިލާތުގެ ޔަނިކް ސިނަރ އަށް ގްރޭން ސްލޭމް 5 ތަށި ކާމިޔާބު ކޮށްދީ އަދި ދުނިޔޭގެ ރޭންކިންގގެ އެއްވަނަ ހޯދުމަށް އެހީތެރިވެދިން އޮސްޓްރޭލިއާގެ ކޯޗު ޑެރެން ކޭހިލް އާއި ވަކިވެއްޖެކަން ސިނަރ ހާމަކޮށްފިއެވެ.
ސިނަރ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ މެސެޖެއްގައެވެ. އުމުރުން 61 އަހަރުގެ ކޭހިލް ސިނަރގެ ޓީމާއި ގުޅިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު ސިނަރ އަކީ ދުނިޔޭގެ ރޭންކިންގގެ ގަދަ ދިހައެއްގައިވެސް ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. އަދި ގްރޭން ސްލޭމް މުބާރާތެއްގެ ކުއާޓަރ ފައިނަލަށް ވުރެ ދުރަށް ދެވިފައިވާ ކުޅުންތެރިއެއްވެސް ނޫނެވެ.
ކޭހިލް އާއި އިޓަލީވިލާތުގެ ކޯޗު ސިމޯން ވެގްނޯޒީ ގުޅިގެން ކުރި މަސައްކަތުން ސިނަރ ވަނީ މިއަހަރުގެ ވިމްބަލްޑަން މުބާރާތުގެ ތަށްޓާއެކު ގްރޭން ސްލޭމް 5 މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން ދުނިޔޭގެ ރޭންކިންގގެ އެއްވަނައިގައި 95 ހަފްތާ ހޭދަ ކޮށްފައެވެ. އަދި ރޭންކިންގގެ އެއްވަނައިން ސިނަރ ވެއްޓިފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވިމްބަލްޑަން މުބާރާތަށްފަހު މިސީޒަންގައި އެއްވެސް މެޗެއް މިހާތަނަށް ކުޅެވޭގޮތް ނުވުމުންނެވެ. ނަމަވެސް މިހާރު މަޢުލޫމާތުލިބޭގޮތުގައި މިއަންނަ މަހު ސައުދީ އަރަބިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިކްސް ކިންގްސް ސްލޭމް މުބާރާތުގައި ސިނަރ ފެންނާނެއެވެ.
ސިނަރ ބުނީ އޭނާ މިއަދު މިހިރަ ހިސާބަށް އާދެވުމުގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް ވެފައިވާ ފަރާތަކީ ކޭހިލް ކަމަށެވެ. އަދި ކޭހިލް އާއެކު ހޭދަކުރި ފަސް ސީޒަންގެ އެންމެ ދުވަހެއްގެ މަތިންވެސް އޭނާ ހަނދާން ނުނެތޭނެ ކަމަށާއި އޭނާ މިހާހިސާބަށް އައުމުގައި ވީ އެހީތެރިކަމަށްޓަކައި ކޭހިލްއަށް ޝުކުރު އަދާކުރާ ކަމުގައި ސިނަރ ބުންޏެވެ.
ދުނިޔޭގެ ރޭންކިންގގެ އެއްވަނަ މަގާމަށް ހަތަރު ކުޅުންތެރިން ގެނެސްދިނުމުގައި އެހީތެރިވެދީފައިވާ ކޭހިލް ފުރަތަމަ ނިންމާފައިއޮތީ މިދިޔަ ސީޒަނަށްފަހު ސިނަރގެ ޓީމާއި ވަކިވާށެވެ. ނަމަވެސް ސިނަރގެ އެދުމުގެ މަތިން އޭނާ މިއަހަރުގެ ނިޔަލަށް މަޑު ކުރަން ނިންމީއެވެ. ކޭހިލް ބުނިގޮތުގައި ސިނަރ އާއި އެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.
މަޢުލޫމާތުލިބޭގޮތުގައި ކޭހިލްގެ ބަދަލުގައި ސިނަރގެ ޓީމާއި ދެން ގުޅޭނީ ސްވިޑްންގެ ތަޖްރިބާކާރު ކޯޗެއް ކަމަށްވާ މެގްނަސް ނޯމަންއެވެ. އަދި ވެގްނޯޒީ އެޓީމުގައި ދެމި ހުންނާނެކަމަށްވެއެވެ.
5 އަހަރަށްފަހު ސިނަރ އާއި ކޯޗު ކޭހިލް ވަކިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed