އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި މައާމީ ހީޓް ބައްދަލުކުރި މެޗު ވޮރިއަރސް ކާމިޔާބު ކޮށްފިއެވެ.
ސެން ފްރަންސިސްކޯގެ ޝޭސް ސެންޓަރގައި ކުޅުނު މިމެޗު ވޮރިއަރސް ކާމިޔާބު ކޮށްފައިވަނީ 120 ޕޮއިންޓް 100 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ކުއާޓަރގައި މޮޅަށް ކުޅެފައިވަނީ ހީޓްއެވެ. މިގޮތުން މިކުއާޓަރ ހީޓް ނިންމާލީ 3 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ކުއާޓަރގައި ވޮރިއަރސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ހީޓާ ހަމަހަމަކޮށް ފުރަތަމަ ހާފް ނިންމާލީ 53 ޕޮއިންޓް 53 ޕޮއިންޓުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިމެޗުގެ ދެވަނަ ހާފްގައި ވޮރިއަރސްއިން ވަނީ އެޓީމުން ދެވަނަ ކުއާޓަރގައި ދެއްކި ކުޅުން ތަކުރާރުކޮށްފައެވެ. މިގޮތުން ތިންވަނަ ކުއާޓަރގައި 15 ޕޮއިންޓްގެ ލީޑެއް ނެގިއިރު ފަހު ކުއާޓަރގައިވަނީ އިތުރު ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައިވެއެވެ.
މިމެޗުގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ތަޖްރިބާކާރު ކުޅުންތެރިޔާ ސްޓެފަން ކަރީއެވެ. އޭނާވަނީ މިމެޗުގައި ވޮރިއަރސްއަށް 29 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ޔެކްސެލް ލެންޑެބޯގްވަނީ 17 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. ހީޓްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 2 ރީބައުންޑް ނަގާ 8 އެސިސްޓް ކުރި ޑެވިއޮން މިޝޭލް އާއި 20 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާ 4 އެސިސްޓް ކުރި ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ.
މިމުބާރާތުގައި ފީނިކްސް ސަންސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 117 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސަންސްއެވެ. މިމެޗުގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ 8 އެސިސްޓް ކުރި ޑެވިން ބޫކަރއެވެ. އަދި މެޖިކަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާ 2 އެސިސްޓް ކުރި ވެންޑެލް ކާޓަރ ޖޫނިއަރއެވެ.
ހީޓް އަތުން ވޮރިއަރސް މޮޅުވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed