ޔަމަނުގެ ޙޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަޢުދީ ޢަރަބިއްޔާއަށް އަސްކަރީ ލަފަޔާއި ތަމްރީނު ދިނުމަށް ސޫރިޔާއިން މަސައްކަތް ފަށައިފިއެވެ. މި ގޮތުން ސޫރިޔާގެ އަސްކަރީ ފައުޖެއް މިހާރު ވަނީ ސަޢުދީއަށް ފޮނުވާފައެވެ. އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، ހަނގުރާމައިގެ ތަޖުރިބާ ލިބިފައިވާ ސޫރިޔާގެ މުޝީރުން ދަނީ ސަޢުދީ އަދި ޔަމަނުގެ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވަމުން ކަމުގައެވެ. މި އެހީތެރިކަން ދެމުންދަނީ ސަޢުދީ ފައުޖުތަކުގެ ދިފާއީ ގާބިލުކަން ވަރުގަދަކުރުމަށް ކަމުގައި ވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރުޢު ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައެވެ. "މި މަރުހަލާގައި ސިފައިން ފޮނުވާފައިވާ ކަމަށް ބުނުމަކީ އަވަސް އަރުވައިލުމެއް،" މި އެއްބަސްވުމާ ގުޅޭގޮތުން ސޫރިޔާގެ ހާރިޖިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. އަދި، ސޫރިޔާގެ މައިގަނޑު އަމާޒަކީ ދާހިލީ ސަލާމަތާއި ގައުމު އަލުން ބިނާކުރުން ކަމުގައި ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. މީގެއިތުރުން، މި އެއްބަސްވުމަކީ ލަފާދިނުމާއި، ތަމްރީނު ދިނުން އަދި އަސްކަރީ ތަޖުރިބާ ބަދަލުކުރުން ކަން އެ އޮފިޝަލު ފާހަގަކުރެއްވިއެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން 2024 ވަނަ އަހަރު ވައްޓައިލި ފަހުން، ސޫރިޔާ ވަނީ ސަޢުދީގެ މުހިންމު ބައިވެރިޔަކަށް ވެފައެވެ. ސަޢުދީގެ އިސް އޮފިޝަލަކު ވިދާޅުވީ، ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ސޫރިޔާގެ ތަޖުރިބާގެ ބޭނުން ހިފޭނެ ކަމުގައެވެ. ހަމަމިއާއެކު، ޕާކިސްތާނާއި ތުރުކީވިލާތް ހިމެނޭހެން ސޮއިކުރި 'މައްކާ ދިފާއީ އެއްބަސްވުމުގައި' ބައިވެރިވުމަށް ސޫރިޔާއިން ވިސްނަމުންދާ ކަމުގައި ވެސް މަސްދަރުތަކުން ބުންޏެވެ. ސޫރިޔާގެ ހާރިޖީ ވަޒީރު ވިދާޅުވީ އަރަބި ސަރަހައްދުގެ ސަލާމަތް ދިފާއުކުރުމުގައި ސޫރިޔާ ދެމިއޮންނާނެ ކަމުގައެވެ.
އަސްކަރީ ގުޅުމުގެ އިތުރުން، ސޫރިޔާ އަލުން އާރާސްތުކުރުމަށް ސަޢުދީ ތަރައްގީ ފަންޑުން 403 މިލިޔަން އެމެރިކާ ޑޮލަރުގެ ލުއި ލޯނެއް ދިނުމަށް ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްްބަސްވެފައެވެ. ޔަމަނު އަހުލީހަނގުރާމަ ފުޅާވެ، ޙޫޘީން ސަޢުދީގެ އެއާޕޯޓުތަކަށާއި ތެޔޮ ކާރުހާނާތަކަށް މިސައިލް ހަމަލާ ދެމުންދާއިރު، ސަޢުދީން ވެސް ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ. ނަމަވެސް، މި ހަނގުރާމައިގެ ތެރެއަށް ސޫރިޔާ ވަދެއްޖެނަމަ، މުޅި ސަރަހައްދީ ހަމަނުޖެހުމުގެ ތެރެއަށް އެ ގައުމު ވެއްޓިދާނެ ކަމަށް ބުނެ، އެމެރިކާއިން ވަނީ ސަމާލުވުމަށް އަންގާފައެވެ.
ސޫރިޔާގެ އަސްކަރީ އެހީތެރިކަން ސަޢުދީއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed