އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި އެ ސަރަހައްދުގެ ވައި ތަޔައްގަރުވުމާ ގުޅިގެން، މަދަރުސާތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގައިފިއެވެ. މީގެއިތުރުން، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އެއްވުންތައް ފަސްކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ، ނޮވެންބަރު 8 ވަނަ ދުވަހު ފާހަގަކުރާ ހިންދީންގެ ދީނީ އީދެއް ކަމުގައިވާ ދިވާލީއާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވުމުން، ވައިގެ ތަގައްޔަރުކަން އިތުރަށް ގޯސްވާނެތީ އެޅި ފިޔަވަޅެއް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ފިނިމޫސުމާއެކު އުތުރު އިންޑިއާގެ ވައިގެ ތެރޭގައި ދުމާއި ހިރަފުސް ހަރުލުމަކީ ކޮންމެ އަހަރު ވެސް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. 20 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީގެ ވައިގެ ކޮލިޓީ އިންޑެކްސް، ނޮވެންބަރު 6 ވަނަ ދުވަހު ހުރީ 382 ގައެވެ. މިއީ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ރަނގަޅު މިންގަނޑެއް ކަމުގައި ބަލާ 50 އަށްވުރެ އެތައް ގުނައެއް މަތީ އަދަދެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވައި މުޅިން ހުއްޓި، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ދިއްލީގެ ތިމާވެއްޓާ ބެހޭ ވަޒީރު މަންޖިންދަރު ސިންގ ސިރްސާ ވިދާޅުވިއެވެ.
މި ވިހަ ދުމުގެ ސަބަބުން ދެއްލީގެ ގިނަ ބަޔަކަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ދިއްލީގެ ރައްޔިތެއް ކަމުގައިވާ ސަރްވޭޝް ބުނީ، "މި ތަގައްޔަރުކަމުގެ ސަބަބުން ނޭވާލާން ދަތިވެ، ހާސްކަން އިހުސާސްވޭ... އަދި، ލޮލުގައި ވިދާފަދަ ތަދެއް ހުރޭ،" ކަމަށެވެ. އެހެންކަމުން، ސަރުކާރާއި ކުންފުނިތަކުގެ ދެބައިކުޅައެއްބައި މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރަން ހުއްދަ ދިނުމަށް ކޮމިޝަން ފޯ އެއާ ކޮލިޓީ މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ޕާކިސްތާނުގެ ލާހޯރުގައި ވެސް މި ހަފުތާގައި ވައިގެ ތަގައްޔަރުކަން ބޮޑުވި ނަމަވެސް، ނޮވެންބަރު 6 ވަނަ ދުވަހު އެ އަދަދު ވަނީ 312 އިން 149 އަށް ދަށްވެފައެވެ. އެ ގައުމުގެ އިސް ވަޒީރެއް ކަމުގައިވާ މަރިޔަމް އައުރަންގްޒޭބު ވިދާޅުވީ، ވައިގެ ސާފުމިން ރަނގަޅުވީ ހަރުދަނާ ސިޔާސަތުތަކާއި، ދަނޑުވެރިކަމުގެ ސަރަހައްދުތައް ބެލެހެއްޓުމުގެ އިތުރުން މޫސުމަށާއި ވައިގެ ބާރުމިނަށް އައި ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމުގައެވެ.
ދިއްލީގައި ވައި ތަޣަޔަރުވެ ކިޔަވައިދިނުން އޮންލައިންކޮށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed