ޕެރަގުއޭގެ ޑިޖިޓަލް ބޭންކެއް ކަމުގައިވާ 'އުއެނޯ ބޭންކު' ބަނގުރޫޓުވެ ބަންދުކުރުމާ ގުޅިގެން އުފެދުނު މާލީ ކާރިސާގެ ތެރޭގައި، ރައީސް ސަންތިއާގޯ ޕެންޔާގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ނައިބު ރައީސް ޕެދްރޯ އަލިޔާނާ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވައިފިއެވެ. އެ ޤައުމުގެ ގާނޫނުހަދާ މަޖިލިސް، ސެނެޓުގައި ޕެންޔާގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމުގެ ކުރިން އޭނާ ވަނީ އިސްތިއުފާ ދެއްވުމަށް ނިންމަވައި، އިސްތިއުފާގެ ސިޓީ ސެނެޓާ ހިއްސާ ކުރައްވާފައެވެ. ނަމަވެސް، ސެނެޓުން އޭނާގެ އިސްތިއުފާ ބަލައިގަނެފައިވާ ކަން ސާފެއް ނޫނެވެ.

ސެނެޓުން ޕެންޔާ ވަކިކުރަން ނިންމިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ވެރިރަށް އަސުންސިއޯންގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ޕެރަގުއޭގެ ޕްރޮސެކިއުޓަރުގެ އޮފީހުން އޭނާ ބަންދުކުރީ މަސްލަހަތު ފުށުއެރުމާއި، ގާނޫނާ ހިލާފު މުއާމަލާތްތަކާއި ހިޔާނާތުގެ ތުހުމަތުގައެވެ. އިންޒާރުތައް ދީފައިވަނިކޮށް، ދައުލަތުގެ އިދާރާތަކާއި ޕެންޝަން ފަންޑުތަކުގެ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ގާނޫނީ އިމުން ބޭރުން އެ ބޭންކުގައި ޖަމާކުރުމުގެ ހުއްދަ ޕެންޔާ ދެއްވި ކަމުގައި މެންބަރުން ތުހުމަތުކުރެއެވެ.

މި ބޭންކުގެ މާލީ ހާލަތު ދަށްވެ މަރުކަޒީ ބޭންކުން ވަދެ ބަންދުކުރުމާ އެކު، ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށްވާ 2.94 މިލިޔަން ކަސްޓަމަރުންގެ އިތުރުން، ދައުލަތުގެ އިދާރާތަކާއި ޕެންޝަން ފަންޑުތަކުގެ ފައިސާ ވަނީ ތާށިވެފައެވެ. "ގައުމަށް އިތުރު ގެއްލުމެއް ލިބުނަ ނުދިނުމަށާއި، ހަމަޖެހުން ގާއިމުކުރުމަށް އެހީތެރިވުމަށް" އިސްތިއުފާ ދެއްވި ކަމަށް ޕެންޔާ ވިދާޅުވި ނަމަވެސް، މަޖިލީހުގެ 44 މެންބަރުންގެ އިއްތިފާގުން ނިންމީ އޭނާ މަގާމުން ދުރުކުރުމަށެވެ.

މި ދަނޑިވަޅުގައި، ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އަލިޔާނާ ވަނީ މާލީ ކާރިސާއާ ގުޅިގެން މާލީ ގެންލުންތައް ކުރިމަތިވި ރައްޔިތުންނަށް ބަދަލު ދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. "އަޅުގަނޑުމެން އެ ރައްޔިތުން އެކަނިވެރިއެއް ނުކުރާނަން،" ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އަލިޔާނާ ވިދާޅުވިއެވެ. އޭނާގެ ފުރަތަމަ އަމުރުގައި ވަނީ މަދު އަދަދުތަކުން ބޭންކުގައި ފައިސާ ބަހައްޓާފައިވާ ފަރާތްތަކަށް ބަދަލު ދިނުން އަވަސްކުރުމަށް އަންގަވާފައެވެ. އަލިޔާނާ ފުރިހަމަކުރައްވާނީ 2023 އިން 2028 އަށް ހިނގާ ރިޔާސީ ދައުރުގެ ބާކީ ބައި ކަމުގައި މަސްރަހުގެ ދާރިސުން ވިދާޅުވިއެވެ.