ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ކޫލްފްލައިން ތައްޔާރުކޮށްފައިވާ މީހަކާއެކު ދަތުރުކުރާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި ދައްކާލައިފިއެވެ.

އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން، އީވީޓޯލް އަކީ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މިއުޅަނދު ދައްކާލާފައި ވަނީ އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރީއާ ބެހޭ ވުޒާރާ އާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ސަރަހައްދުގައެވެ. މިހަރަކާތުގެ ތެރޭގައިވަނީ މިއުޅަނދު އުދުއްސާ މަންޒަރާއި ބިމަށް ޖައްސާ މަންޒަރު ދައްކާލާފައެވެ.

މީގެސަބަބުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށާއި، ވިޔަފާރިތަކަށާއި އަދި އެހެނިހެން ހިއްސާދާރުންނަށް ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ބޭނުންކުރެވޭނެ ގޮތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި މިފަދަ އުޅަނދުތައް ބޭނުންކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އިންފްރާސްޓްރަކްޗަރ އަދި ބޭނުންވާ ފަންނީ ގާބިލުކަން ވަޒަންކުރުމަށްވެސް މިހަރަކާތުގެ ސަބަބުން އެހީތެރިވެދޭނެކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިފަދަ އުޅަނދުތަކުގެ ބޭނުން ރާއްޖޭގައި ހިފިދާނެ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ބޭހުގެ ބާވަތްތައް ފަސޭހަ ކަމާ އެކީ ފޮނުވުމަށާއި މެޑިކަލް އިވެކުއޭޝަންތައް އަދި ތިމާވެއްޓާ ގުޅޭ ބައެއް އިންސްޕެކްޝަންތައް ހިމެނެއެވެ.

އަދި މީގެ ސަބަބުން އާ ސިނާއަތްތަކާއި ވަޒީފާގެ ފުރުސަތުތައް އުފެއްދިދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކާއެކު ދަތުރުކުރާ ޑްރޯންއެއް ދައްކާލައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކާއެކު ދަތުރުކުރާ ޑްރޯންއެއް ދައްކާލައިފި

ޗައިނާގެ "ޑްރީމް އެސްޓީ" ޑްރޯން ދައްކާލުން

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ 28 އޮކްޓޯބަރު 2026 ގައި ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖެއާއި ޗައިނާއާ ދެމެދު އިތުރުވަމުންދާ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ.

މިއަދު ކުރިޔަށް ދިޔަ މި ހަރަކާތަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.