ޗައިނީސް ފުޓްބޯލް އެސޯސިއޭޝަން، ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންކޮންގ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ދިވެހި ގައުމީ ފުޓްސަލް ޓީމުން މުބާރާތުގައި ފުރަތަމަ 3 ޕޮއިންޓް ހޯދައިފިއެވެ.
ޗައިނާގެ ޔިންޗުއާންގައި ކުރިއަށްދާ މިމުބާރާތުގައި ދިވެހި ޓީމުން ކުޅުނު ދެވަނަ މެޗުގައި ހޮންކޮންގ ބަލިކުރީ 7-0 އިންނެވެ.
މެޗު ފަށައިގެންވެސް ފެނިގެންދިޔައީ ދިވެހި ޓީމުން މެޗުގެ ކޮންޓްރޯލް ނަގާ މޮޅަށް ކުޅެމުންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ލަނޑު ދިވެހި ޓީމުން ޖަހާ ލީޑު ނެގީ 4 ވަނަ މިނެޓުގައެވެ.
މިމެޗުގައި އިޝާން އިބްރާހިމް ވަނީ މޮޅު ކުޅުމެއްދައްކާ 2 ލަނޑު ޖަހާދީފައެވެ. މީގެއިތުން މުހައްމަދު ސާދު ނިޒާރާއި ޝަނާން ރަޝާދު، ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 2 ލަނޑު ޖަހާފައެވެ. އަދި އަނެއް ލަނޑަކީ ހޮންކޮންގ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މިމެޗުގައި ޝަނާން ގެ ދެލަނޑުވެސް ފެނިގެންދިޔައީ ހާފްގެ މެދަކާ ހިސާބުން ފޮނުވާލި ބާރު ދެ ހަމަލާއަކުންނެވެ.
ސާދުގެ ދެ ލަނޑަކީވެސް ދުރުން ފޮނުވާލި ބާރު ހަމަލާތަކުން ކާމިޔާބުކުރި ރީތި ލަނޑުތަކެކެވެ. އެހެންނަމަވެސް މެޗުގެ އެންމެ ހިތްގައިމު ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމްއެވެ. އިޝާން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ 2 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކީޕަރު ބޯމަތިން މަޑުމަޑުން ގޯލުގެތެރެއަށް ބޯޅަ އެއްލައިގެންނެވެ.
މިއީ ދިވެހިރާއްޖެ، ހޮންކޮންގާއި ބައްދަލުކުރި ދެވަނަ މެޗެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖެއިން ހޮންކޮންގ އާއި ބައްދަލުކުރީ މީގެ 21 އަހަރު ކުރިން 2005 ވަނަ އަހަރުގެ އޭއެފްސީ ފުޓަސަލް ޗެމްޕިއަންޝިޕްގައެވެ. އެމެޗު 6-1 އިން ކާމިޔާބުކުރީ ހޮންގކޮންގއިން ނެވެ.
އެހެންކަމުން މިމެޗު ވެގެންދިޔައީ ދިވެހި ފުޓްސަލް ތާރީހުގައި ފާހަގަކޮށްލެވޭނެ މެޗަކަށެވެ. ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދިވެހި ފުޓްސަލްއަށް އައިސްފައިވާ ކުރިންއެރުން ފެނިގެންދިޔަ މެޗަކަށެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިއަންނަ ހޯމަ ދުވަހު ނިކުންނާނީ ޗައިނާ އާއިދެކޮޅަށެވެ.
ޗައިނާ އާއި ހޮންކޮންގ ބައްދަލުކުރި މެޗު ޗައިނާއިން ކާމިޔާބުކުރީ 4-0 އިންނެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ކުޅޭނީ ހަމައެކަނި ލީގު ބުރެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމަކަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
ތަފާތު ބޮޑުކޮށް ހޮންކޮންގ ބަލިކޮށް ދިވެހި ޓީމަށް ތާރީހީ މޮޅެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed