ރާއްޖޭގެ ހުރިހާ ރަށެށްގައި ކީރިތި ޤުރްއާން އުނގަންނަދޭ މަރުކަޒުތައް ޤާއިމުކުރަމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ލ. ގަމުގައި ހުޅުވައިފިއެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. ގަން ގޮފި އިފްތިތާޙުކޮށްދެއްވީ ގަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ގަން ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ގޮފި ހުޅުވުމަށްފަހު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޓީމުންވަނީ ލ. ގަން ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބޭއްވާ އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ.

މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 9 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ .މަގޫދޫ، ގއ .ދާންދޫ އަދި ސ. ހިތަދޫގައެވެ.

އަދި އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް މިހާރު ވަނީ ހުށަހަޅާފައިވެއެވެ. އެއީ ހއ. އިހަވަންދޫ، ށ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކަނޑުހުޅުދޫގައެވެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.