އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިޔަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި، އެ ޕްރޮގްރާމާ ގުޅުންހުރި މަރުކަޒުތަކުގެ އިތުރުން ސައިންސްވެރިންގެ މައުލޫމާތު ހިއްަސާކުރާ ފަރާތްތަކަށް 20 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމަކާއި، ރައްކާތެރި ސަރަހައްދަކަށް ހިޖުރަކުރުމުގެ ފުރުސަތު ދޭނެކަން އެމެރިކާގެ އަސްކަރިއްޔާއިން އިއުލާނުކޮށްފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން 'އެކްސް' މަންސައިގައި ހާމަކުރި ގޮތުގައި، ސްޓޭޓް ޑިޕާޓްމަންޓުގެ 'ރިވޯޑްސް ފޯރ ޖަސްޓިސް' ޕްރޮގްރާމްގެ ދަށުން މި ހުށަހެޅުން ހުށަހަޅާފައިވަނީ، ބައިނަލްއަޤްވާމީ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާ (އައި.އޭ.އީ.އޭ) އާއެކު އީރާނުން ވެފައިވާ އެއްބަސްވުންތަކަށް ފުރިހަމައަށް ބޯނުލަނބާކަމަށް ތުހުމަތުކުރެވޭތީއެވެ. 1984 ވަނަ އަހަރު ތައާރަފުކުރި މި ޕްރޮގްރާމަކީ އެމެރިކާގެ ރައްޔިތުންނާއި މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި މުހިންމު މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް މާލީ އިނާމު ދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ.

މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ ޤާބިލިއްޔަތު ނައްތާލުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި އީރާނުގެ އިޤްތިޞާދަށާއި އަސްކަރިއްޔާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މިހާރު އެ ގައުމުން ހަނގުރާމަ ހުއްޓާލުމަށް އެދޭ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނުގެ މެދުތެރޭގައިވާ 'ޕިކެކްސް މައުންޓަން' ނަމަކަށް ކިޔާ ފަރުބަދަ އަކީ ނިއުކްލިޔަރ މަރުކަޒެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރި ނަމަވެސް، އީރާނުގެ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް، މަސްރަހު ފިނިކުރުމުގެ ގޮތުން މެދުވެރިން މެދުވެރިކޮށް ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.