ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 22:00އާ ހަމައަށެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. މި މަހުގެ 7 އިން 11 އަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގޭގެ ފެންވަންނަ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމާއި، ކަރަންޓު ސާމާނު ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުން ހިމެނެއެވެ.
White Alert issued over the country. https://t.co/a3yTq6zjN2
— Maldives Meteorology (@MetMaldives)November 7, 2026
މީގެއިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ނުރައްކާތެރި މޫސުމުގައި ކަނޑުދަތުރުތައް ނުކުރުމަށް ވެސް ވަނީ އިރުޝާދު ދެއްވާއެވެ.
މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 24 ގަޑިއިރު ތެރޭ 104.4 މިލިލީޓަރުގެ ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މީގެ އިތުރުން އެއަތޮޅު ކާޑެއްދޫއަށް 63 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން އާންމުކޮށްފައިވާ ހިސާބުތައް ދައްކައެވެ.