ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް ޔޫކްރެއިނަށް، ސުލްހައިގެ މަޝްވަރާތައް ޔޫއޭއީގައި ފެށުމަށް ތައްޔާރުވަނީއެވެ.
ޔޫކްރެއިންގެ ވެރިރަށް ކީވްގެ އަސްކަރީ އަދި ސިނާއި ވަސީލަތްތަކަށާއި، ހަކަތައާއި ދަތުރުފަތުރުގެ މުހިންމު އަމާޒުތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރީ އުޅަނދުފަހަރާއި ހަތިޔާރު އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ 'ނޮދަން ބްރިޖް' އަށާއި، 'ފްލެމިންގޯ' މަރުކާގެ ކްރޫޒް މިސައިލް އުފައްދާ 'މެރިޑިއަން' ކާރުޚާނާއަށް ވަނީ ސީދާ އަމާޒުކޮށް ހަމަލާދީފައެވެ.
މީގެއިތުރުން، ކީވް ސަރަހައްދުގެ ކަރަންޓު އުފައްދާ މަރުކަޒަކަށާއި ސަބްސްޓޭޝަނަކަށް އަދި ވަޒަން އުފައްދާ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޒައިޓޯމިރް ސަރަހައްދުގެ ކަރަންޓު ސަބްސްޓޭޝަނަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ހަމައެއާއެކު، ކަޅު ކަނޑުގެ މަގުން ޔޫކްރެއިނަށް އަސްކަރީ ސާމާނު އުފުލަމުންދިޔަ މުދާ އުފުލާ އުޅަނދަކަށްވެސް ރަޝިޔާގެ ސިފައިން ވަނީ ހަމަލާދީފައެވެ.
މި ހަމަލާތަކާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ރަޝިއާއާއި އެމެރިކާ އަދި ޔޫކްރެއިން ބައިވެރިވާ ތިން ފަރާތުގެ ހާއްސަ މަޝްވަރާތަކެއް އަންނަ ހަފުތާގައި ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ރަޝިޔާގެ އިސް ވަފުދުގައި ޑެޕިއުޓީ ހާރިޖީ ވަޒީރު ސަރގޭ ރިޔަބްކޯވްއާއި، ޖެނެރަލް ސްޓާފްގެ ސީނިއަރ އޮފިސަރު ޔޫރީ ޒިގަރލޮވްސްކީ އަދި ކްރެމްލިންގެ މުޝީރު ވްލަޑިމިރު މެޑިންސްކީ ހިމެނިވަޑައިގަންނަވާނެ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ކަށަވަރުކޮށްދެއްވިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހަށްފަހު ފުރަތަމަ ފަހަރަށް ބޭއްވޭ މި ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިރު ޕުޓިން ވަނީ ޤައުމީ ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރައްވާފައެވެ. އަދި މި މަޝްވަރާތައް އިންތިޒާމުކޮށް، މެދުވެރިއެއްގެ ދައުރު އަދާކޮށްދޭތީ ޔޫއޭއީ ސަރުކާރަށް ޕުޓިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެމެރިކާއާއި ޔަހޫދީ ޒަޔަނިސްޓުން ގުޅިގެން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ކުރިމަތިލުންތަކަށްފަހު، މިއީ ފިނި މޫސުން ފެށުމުގެ ކުރިން ސުލްހައިގެ މަގެއް ހޯދުމަށް އެމެރިކާގެ މެދުވެރިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރަޝިއާގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިނަށް، މަޝްވަރާތައް ޔޫއޭއީގައި ފަށަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed