މުސުމާއިި ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބޭނެހެން، ޒަމާނީ ބަދަލުތަކާއެކު މޫސުން އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ. މޫސުން އެޕްލިކޭޝަނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.
މެޓް އޮފީހުގެ މޫސުން އެޕްލިކޭޝަން އަދި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފެވެ.
"މޫސުން އެޕްލިކޭޝަން"އަކީ މޯބައިލް ފޯނުން ކޮންމެ ވަގުތަކުވެސް މޫސުމާއި ގުޅޭ މަޢުލޫމާތު ބަލާލެވޭނެހެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި ހިމެނޭ މަޢުލޫމާތުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ބަލާލެވޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ކުރީގެ އެޕްލިކޭޝަންގައި ހިމެނެނީ ރާއްޖޭގެ 5 ސްޓޭޝަނެއްގެ ނަމަވެސް ފަހުގެ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ 516 ހިސާބެއްގެ މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ އިފްތިތާހު ކުރެވިގެންދިޔަ އެޕާއި ވެބްސައިޓްގެ ޒަރީއާއިން ބޭނުންވަނީ އާންމުންނަށް ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ އާންމުން ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުމަށް" އެޕްލިކޭޝަނާއި ވެބްސައިޓް އިތްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވިއެވެ

މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މީގެ ކުރީގެ ތަޖުރިބާތަކަށާއި، އާންމުން މިފަދަ ވަސީލަތަކުން އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމަށް ފުންކޮށް ވިސްނުމަށްފަހުގައިކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އުފެއްދުމަކީ ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން ނެރެދީފައިވާ އުފެއްދުމެކަން ވެސް ވަޒީރު ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ފަރުމާކުރުމުގައި ޗައިނާ ސަރުކާރުން އަދި ޔޫއެންޑީޕީއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރެޕްރެސެންޓޭޓިވް އަދްނާން ސީމާ ވިދާޅުވީ މި އިފްތިތާހުކުރެވިގެން ދިޔަ އެޕާއި ވެބްސައިޓް މެދުވެރިކޮށް، ރަސްމީ މޫސުމީ ލަފާކުރުންތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ މައުލޫމާތު އަދި މޫސުމީ ސަމާލުތައް، އެ މައުލޫމާތަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކާ ހަމައަށް އަވަސްކަމާއެކު ފޯރުކޮށްދެވޭނެކަމަށެވެ. އަދި މެޓް އޮފީހުން ކުރަމުންދާ މަސައްކަތްތަކަށް ގިނަ އެހީތަކެއްވަމުންދާ ކަމަށާއި މިއާއެކު މޫސުން ލަފާކުރުމުގައި ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަން ސީމާ ފާހަގަކުރެއްވިއެވެ.
"މި އެޕްލިކޭޝަން މެދުވެރިކޮށް، ރަސްމީ މޫސުމީ ލަފާކުރުންތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ މައުލޫމާތު އަދި މޫސުމީ ސަމާލުތައް، އެ މައުލޫމާތަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ، މި ޕްލެޓްފޯމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މުޖުތަމައުގެ އެންމެންނަށް ބޭނުންކުރެވޭނެ ފަދަ އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް،" ސީމާ ވިދާޅުވިއެވެ.

އިންޑަސްޓރިއަލް ރަށްތަކާއި އެއާޕޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށް އަދި ފަޅުރަށްތައް ހިމެނޭނެހެން ޖުމްލަ 516 ފޯކާސްޓް ޕޮއިންޓަކާއެކު އިފްތިތާހުކުރެވުނު މި އެޕްލިކޭޝަނާއި ވެބްސައިޓް ވެގެންދާނީ މޫސުމާ ގުޅޭ ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތަކަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތް ކޮންމެ 3 ގަޑިއިރަކުން އަޕްޑޭޓުވަމުންދާނެއެވެ. އަދި ރާއްޖޭގެ އެކި ސަރަަޙައްދުތަކުގައި ބެހެއްޓިފައި ހުރި ވެދަރ ރަރޑަރ ސިސްޓަމްތައް މެދުވެރިކޮށް އެވަގުތެއްގެ މޫސުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އޮންނަ ގޮތްވެސް ބަލާލެވޭނެއެވެ.
މި އެޕްލިކޭޝަނަކީ މޫސުމީ ކާރިސާގެ ވަގުތުގައިވެސް އާންމުންނަށް އަންގަން ބޭނުންވާ އެންގުންތަކާއި މެސެޖުތައްވެސް ފަސޭހައިން ދެވޭ އެޕްލިކޭޝަނެކެވެ. އެގޮތުން އެލަރޓްތަކުގެ މަޢުލޫމާތާއި، މޫސުން ދައްކުވައިދޭ ރަރޑަރ އާއި ސެޓެލައިޓް ފޮޓޯތަކާއި، ބިންހެލުމުގެ މަޢުލޫމާތުވެސް ލިބޭނެއެވެ.