ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި، އިސްތިއުމާރީ ޔަހޫދީ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުއްޖަކު ޒަހަމްކޮށްލައި، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.މީގެ އިތުރުން، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން އެކި ސަރަހައްދުތަކުގައި ހިންގި އުދުވާނުތަކުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.
ފަލަސްތީނު ޓީވީން ބުނި ގޮތުގައި، އުތުރުގެ ސިޓީއެއް ކަމަށްވާ ގަލްގީލިޔާގެ ކަފްރު ސަބާ އަވަށާ ކައިރީގައި ޔަހޫދީން ހިންގި އޮޕަރޭޝަނެއްގައި، އެ ކުޑަކުއްޖާގެ ފަޔަށް ބަޑިޖަހައި ވަނީ ޒަހަމްކޮށްލާފައެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ، ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީ ސިފައިން ވަނީ އަލް ޚަލީލްގައި ހުރި ގެއަކުން މީހަކު ހައްޔަރުކޮށްފައެވެ. އަދި ރާމަﷲގެ އިރުމަތީގައިވާ ތައިބޭއިން ވެސް މީހަކު ހައްޔަރުކޮށް، އޭނާގެ އުޅަނދު ވަނީ ފޭރިގެންފައެވެ. ހެބްރޮންގެ އެހެން ގެއަކަށް ވަދެގަނެ، އެގޭގެ އާއިލާ އެއް ކޮޓަރިއަކަށް ބަންދުކުރުމަށްފަހު، ސިފައިން ވަނީ މުޅި ގެ ބަލައި ފާސްކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޔަހޫދީންގެ ޣައިރުގާނޫނީ އެތައް ސަތޭކަ ވަޒަންވެރިންނެއް، ސިފައިންގެ ހިމާޔަތުގައި އަލް ޚަލީލްގެ "އޯލްޑް ސިޓީ" އަށް ވަދެގަނެ، އެތަނުގެ ފިހާރަތަކާއި ވިޔަފާރީތައް ގަދަކަމުން ބަންދުކުރުވިއެވެ. އަދި އަލްޝުހަދާ މަގުގައި ހުރި ފަލަސްތީނު މީހެއްގެ ގެއަށް ހަމަލާދީ، އެގޭގެ ކުޑަދޮރުތައް ވަނީ ތަޅާލާފައެވެ.
ޖެނީންގެ ހުޅަނގު ސަރަހައްދުގައި، ޒައިތޫނި ބިންނަން ތިބި ފަލަސްތީނު މީހުންނަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާދީ، އެމީހުންގެ ޓްރެކްޓަރަކާއި ބިނދެފައި ހުރި ޒައިތޫނިތައް ވަނީ ފޭރިގެންފައެވެ. ބެތްލެހެމްގެ އިރުމަތީގައިވާ ކީސާންގައި ވެސް އިސްތިއުމާރީ ވަޒަންވެރިއަކު ފަލަސްތީނު މީހަކަށް ހަމަލާދީ، އޭނާގެ އަމިއްލަ ތަކެތި ވަނީ ފޭރިގެންފައެވެ.
ރާމަﷲ ސަރަހައްދުގެ ދޫރާ އަލް-ގަރާ އަދި ނިއުލިންގައި ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ވަފާ އިން ބުނެއެވެ. ތުލްކަރަމް ޕްރޮވިންސްގެ ހަތަރު ރަށަކަށް އިސްރާއީލު ސިފައިން ވަދެގަނެ، ދަތުރުފަތުރަށް ހުރަސްއަޅައި، "ސްޓަން ގްރެނޭޑު" ބޭނުންކޮށްފައިވެއެވެ. ނަމަވެސް އެ ސަރަހައްދުން އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ހައްޔަރުކުރިކަން ރިޕޯޓުކޮށްފައެއް ނުވެއެވެ.
ވޮއިސް އޮފް ފަލަސްތީނު ރޭޑިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެތްލެހެމް، ނަބްލަސް، ތުބާސް، ޖެނީން އަދި ރާމަﷲގެ އެކި ރަށްތަކާއި އަވަށްތަކަށް ޔަހޫދީން ވަނީ އިތުރު ހަމަލާތަކެއް ދީފައެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން، އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ޔަހޫދީ ސިފައިން ހިންގާ އުދުވާނުތަކާއި، ޣައިރުގާނޫނީ ވަޒަންވެރިން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. ފަލަސްތީނުގެ ރިޕޯޓުތަކުން ހާމަވާގޮތުގައި، މި މުއްދަތުގެ ތެރޭގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، ގެދޮރު ސުންނާފަތިކުރުމުގެ އިތުރުން، ހުޅުޖެހުމާއި، ބިންތައް ސުންޕާކުރުމާއި، އާންމުން އެމީހުންގެ ވަޒަނުން ބޭރުކުރުން ފަދަ ލާއިންސާނީ އަމަލުތައް ވަނީ ހިންގާފައެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed