މިޞްރުގެ ގީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ހާދިސާއެއްގައި ހަތަރު މީހުން މަރުވެ 88 މީހުންނަށް ޒަހަމްވެއްޖެއެވެ.
މިޞްރުގެ ރޭލު ދަތުރާ ބެހޭ އިދާރާ، ނޭޝަނަލް ރެއިލްވޭ އޮތޯރިޓީއިން ބުނީ ޤާހިރާއިން އަސްވާނަށް ދަތުކުރި 2010 ނަންބަރު ރޭލާއި ގީޒާއިން ފައްޔޫމްއަށް ދަތުރުކުރި 134 ނަމްބަރު ރޭލު ޖެހިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ގީޒާގެ ދެކުނުގައި އޮންނަ ކަފްރު ޢައްމާރު ރޭލު ސްޓޭޝަނާއި އަލް-ރައްޤާ ރޭލު ސްޓޭޝަންއާ ދެމެދުގައެވެ. ހާދިސާގައި ޒަހަމްވި މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ކުއްލި ހާލަތުގައި މަސައްކަތްކުރާ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ރޭލުގެ ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ސިއްހީ ވުޒާރާއިން ބުނީ ޒަހަމްވެފައިވާ މީހުން އެ ސަރަހައްދުން ގެންދިއުމަށް 52 އެމްބިއުލަންސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. 54 މީހުން އަލް-ވަސްތާ ހަސްފަތާލަށް ގެންގޮސްފައިވާއިރު، 10 މީހުން ވަނީ އަލް-ޢައްޔަތު ހަސްފަތާލަށް ގެންގޮސްފައެވެ. މިޞްރުގެ ސިއްހަތާއި އާބާދީއާބެހޭ ވަޒީރު ޚާލިދް ޢަބްދުލް ޣައްފާރު ވަނީ ގީޒާއާއި ބަނީ ސުވައިފް ގަވަރުނޭޓުގައި ހުންނަ ހަސްފަތާލުތަކުގެ ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަކޮށް، ޒަހަމްވެފައިވާ މީހުންނަށް ފަރުވާދީ އެންބިއިލެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގައިފައެވެ.
ހާދިސާގައި އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާއީ
ރައްކާތެރިކަމާބެހޭ އިދާރާތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިދާރާއިން ވަނީ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމަށާއި ލިބިފަިއވާ ގެއްލުން ވަޒަން ކުރުމަށް އެ ސަރަހައްދަށް ޓީމެއް ފޮނުވައިފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ގީޒާގެ އަލްޢައްޔަތުގެ އަލް-ބަލްޔާދާ ސްޓޭޝަނުގައި ދެ ރޭލު ޖެހި ހާދިސާއެއް ހިނގާފައިވެއެވެ. އަދި މިދިޔަ މެއި މަހާއި ޖޫން މަހުގެ ތެރޭގައި ވެސް އެ ފަދަ ހާދިސާއެއް ހިނގާފައިވެއެވެ.
މިޞްރުގައި ދެ ރޭލު ޖެހި 4 މީހުން މަރުވެ، 88 މީހުން ޒަހަމްވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed