ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ރިވެލި އެވޯޑު މިއަހަރު 8 ފަރާތަކަށް ދީފިއެވެ. ބާސެލޯ ނަސައްދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެއްކަމަަށެވެ. އަދި މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުންކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.

މިއަހަރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބެޗެލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅުދުންތެރިކަން ހުންނަ ފަރާތެއް ހާސިލްކޮށްފައިވާތީ އެކަން ފާހަގަކޮށް ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވަޒީރު ޤީލާ އަލީ ވަނީ ސްޕެޝަލް ރެކޮގްނިޝަން ޓޯކަން އިސްލާއީލް ރާޙިލް/ އެންދެރިމާގެ، ށ. ކޮމަންޑޫއަށް ދީފައެވެ.

ރިވެލި އެވޯޑު 8 ފަރާތަކަށް
ރިވެލި އެވޯޑު 8 ފަރާތަކަށް

މިއަހަރުގެ ރިވެލި އެވޯޑު ދީފައިވާ ދާއިރާތައް:

• ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
• އެކި ރޮނގުތަކުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިދީފައިވާ ފަރާތްތަކުގެ ދާއިރާ
• ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭ އަމިއްލަ ޖަމްޢިއްޔާތަކުގެ ދާއިރާ
• ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ

ރިވެލި އެވޯޑު 8 ފަރާތަކަށް
ރިވެލި އެވޯޑު 8 ފަރާތަކަށް

ރިވެލި އެވޯޑު ހާސިލްކުރި ފަރާތެއް، ފޮޓޯ: ޕީއެސްއެމްނިއުސް

މިއަހަރު ރިވެލި އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކުގެތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ 4 ފަރާތެކެވެ.

މިއަހަރުގެ ރިވެލި އެވޯޑު ޙާޞިލުކުރީ 8 ފަރާތްތައް:

1. ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
2. މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
3. ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
4. ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
6. ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)
7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)
8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

ރިވެލި އެވޯޑު ހާސިލްކުރި ފަރާތެއް، ފޮޓޯ: ޕީއެސްއެމްނިއުސް

މިއަހަރު ރިވެލި އެވޯޑަށް ހުޅުވާލުމުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ.

މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދިނުން ކަމަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ތަފާތުކުރުންތައް ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް އެވުޒާާރާއިން ވިދާޅުވެއެވެ. 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު މިހާތަނަށް 67 ފަރާތަކުން އެވޯޑު މިހާތަނަށް ހާސިލްކޮށްފައިވެއެވެ.