ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަން ރިވެލި އެވޯޑު މުހިންމު ދައުރެއް އަދާކުރާކަމަށް، ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ރިވެލި އެވޯޑް 2026 ހަފްލާގައި، ވަޒީރު ވިދާޅުވީ އެ ވުޒާރާގެ މަސައްކަތަކަށް ރިވެލި އެވޯޑުގެ ސަބަބުން އިތުރު ކުރިއެރުންތައް ލިބޭކަމަށެވެ. އަދި ރިވެލި އެވޯޑަކީ ފުން މާނައެއް އެކުލެވޭ ޝަރަފުވެރި އެވޯޑެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރިވެލި އެވޯޑަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމަވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ބާރުދީ، އެ މަގުން މަސައްކަތްކުރަން ހިތްވަރު ދިނުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ސަރުކާރުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް އެފަދަ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެއްްވެސް ފަރާތެއް ބާކީ ނުކޮށް، އެންމެން ޝާމިލްކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ ސިޔާސަތުކަމަށާ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު ވަރަށް ކައިރިން އަޑު އައްސަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކޮށްދެއްވުމަށް ވަޒީރު ކުރއްވާ މަސައްކަތް ފާހަގަކުރައްވާ ރައީސަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

"ރައީސްގެ ދުރު ވިސްނޭ ތަސައްވުރަކީ ހުރިހާ ފަރާތްތަކަށް ފާގަތި މުޖުތަމަޢު އެއް ޤާއިމްކޮށްދެއްވުން. ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ ގޮތަކުން އުފާވެރިކަމާއި، ފާގަތިކަން ހޯދައިދިނުން. އަދި އިޖުތިމާޢި ރާއްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ އިނާޔަތްތަކުން މަހުރޫމުވިޔަ ނުދިނުން." ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ރިވެލި އެވޯޑަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ ގައުމީ ހަރަކާތެކެވެ. ވަޒީރު ވަނީ އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން އެ އެވޯޑަށް ކުރިމަތިލާ ފަރާތްތައް އިތުރުވުމަކީ ސަރުކާރުގެ އުއްމީދެއްކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމާއި އެ ފަރާތްތައް ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް މަސައްކަތްކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.