ޤައުމުގެ ނިޒާމުތައް އެކުލަވަންވީ ކުލުނާ ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ރިވެލި އެވޯޑު ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެއްވެސް ފަރާތެއް ބާކީނުކޮށް، ކުރިއަށް ދިއުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެންމެންނަށް ޤަދަރުކުރާ އެންމެން ޝާމިލުވާ މުޖުތަމަޢުއެއް އޮތުން މުހިންމުކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ތަހުޒީބު މުޖުތަމަޢުތަކަކީ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެފަދަ ފަާތްތަކުގެ ހުނަރުވެރިކަން ކުރިއަރުވަން ފުރުސަތު އޮންނަ މުޖުމަޢުތައްކަމަށް ފަސްޓްލޭޑީ ސާޖިދާ ވިދާޅުވިއެވެ.

އިސްލާމީ އުސޫލަކީ، އަދި އިސްލާމް ދީން ބާރު އަޅާގޮތަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހެޔޮކޮށް ހިތާ، ތަފާތު ނުކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް ބޭރުފުށުގެ ކަންކަމަށް ބަލާ މީހުންނާއި މެދު ގޮތް ނިންމުމަކީ އިންސާނުންގެ ކިބައިން ފެންނަ ސިފައެއްކަމަށާއި އޭގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ނިކަމެތިކަމާ ކުރިމަތިލާންޖެހުނު ކަމަށްވެސް ފަސްޓްލޭޑީ ސާޖިދާ ވަނީ ވިދާޅުވެފައެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމާތް ގެއްލި، ބޮޑު ހިތާމަތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ޤައުމުގެ ނިޒާމުތައް އެކުލަވަންވީ ކުލުނާއި ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް"
"ޤައުމުގެ ނިޒާމުތައް އެކުލަވަންވީ ކުލުނާއި ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް"

/ ފޮޓޯ: ޕީއެސްއެމް ނިއުސް

"ވަކި ކުލައެއްގައި ތިބޭ މީހުންނަކީ މާ މާތް ބައެއް ކަމަށް ބެލެވުނު. ވަކި ކުލައެއްގައި ތިބުމަކީ މާ ނިކަމެތި ދެރަ ބައެއްކަމެއްކަމަށް ވެސް ޤަބޫލުކުރެވުނު. އަދި ވަކި ނަސްލަކުން، ވަކި ދަރިކޮޅަކުން އައުމުން ވާރުތަވާ މަތިވަރިކަމެއް އޮންނަ ކަމަށް ބައެއް މީހުން ދެކޭ. އަތްފައިގެ ގުނަވަންތަކާ، ހިއްސުތައް އުނިވުމަކީ އެއީ ވަރަށް ބޮޑު ބަދުނަސީބެއްކަމަށް އެއް ޒަމާނެއްގައި ބައެއް މުޖުތަމަޢުތަކުގައި ޤަބޫލުކުރެވުނު."

ރާއްޖޭގައި ވެސް ބޭރުފުށުގެ އެއްވެސް އުނިކަމެއް ހުރި މީހެއް ނަމަ، އެ މީހަކާ މެދު ތަފާތުކޮށް، އެ މީހަކާ މެދު ފަރުވާކުޑަކުރިކަން އެ ކަމަނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އޭރުގެ ހޭލުންތެރިކަން އޮތްގޮތުން އައިބު ނަންނަމުން އެ ފަރާތްތަކާއި މުޙާތަބުކުރުމާއި، ބައެއް ހައްގުތަކުން އުނިވުން ފަދަ ކަންކަން ދިމާވިކަމަށް ވެސް ފަރސްޓް ލޭޑީ ވިދާޅުވިއެވެ. އެއީ އޭރުގެ މުޖުތަމަޢުގެ ހިތި ހަޤީގަތްކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް އެ ވިސްނުން މިހާރު ފިލަމުންދާކަމަށާ، މިހާރު އެއަށް ވުރެ ދިވެހިން ހޭލުންތެރިކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ރިވެލި އެވޯޑުގެ ޖަލްސާއަކީ އުފާވެރި ޝުޢޫރުތަކެއް އެކުލެވޭ ޝަރަފުވެރި އެވޯޑެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށް މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އެކަމަނާ ވަނީ އަލިއަޅުވާލައްވާފައެވެ.