އިރާނުން ދެމުންދާ އިންޒާރުތަކާ ގުޅިގެން، އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް، ވޮޝިންގްޓަން ޑީސީގައި ހުރި އޭނާގެ ގެކޮޅުން، އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުވެފައިވާ ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އިރާނުން އެމެރިކާގެ އޮފިޝަލުންނާއި ދެކޮޅަށް ރާވަމުންދާ ރޭވުންތައް އާ ދަރަޖައަކަށް ގޮސްފައިވާ ކަމަށް ޓަރަމްޕް ސަރުކާރުގެ މަތީ އިންޓެލިޖެންސް އޮފިޝަލަކު މިދިއަ މަހު ފޮނުވި މެމޯއެއްގައި ވަނީ ހާމަ ކޮއްފައެވެ.
އޮގަސްޓް މަހުން ފެށިގެން، ބޯޓުތަކަށް ދޭ ހަމަލާތައް ހުއްޓާލައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ތެހްރާނަށް ބާރު އެޅުމެގެ ގޮތުން، އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓްގެ ނަމުގައި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާ ހަރަކާތެއް، ބެސެންޓް ކުރީގައިހުރެ، އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ކުރިއަށް ގެންގޮސްފައެވެ. މި މުހިންމު ކަނޑުއޮޅި ވަނީ ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އިރާނާ ދެކޮޅަށް ދިން ހަމަލާތަކަށް ފަހު ބަންދު ކުރެވިފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އިރާނުގެ ބަނދަރުތައް ހިސާރުކުރަމުން ދާ ހަރަކާތްތަކާއެކު ކުރިއަށްގެންދާ އިގްތިސާދީ ދަތިކުރުންތަކުގެ ތެރޭގައި މެދުއިރުމަތީގެ ބޭންކުތަކުގެ ގޮފިތަކާއި އީރާނާ އެކު މުއާމަލާތްތައް ކުރަމުންދާ މާލީ ހިދުމަތްދޭ ކުންފުނިތަކަށްވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
"އިރާނުގެ ސަރުކާރުން ދެމުންދާ އިންޒާރުތަކަށް ވުޒާރާއިން ޖެހިލުމެއް ނުވޭ. އަދި އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް ކުރިއަށްގެންދިއުމުގައްޔާއި ބްލޮކޭޑް ދެމެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެ،" އެމެރިކާގެ މާލީ ވުޒާރާގެ ތަރުޖަމާނު ކުރެއްވި އީމެއިލެއްގައި ވިދާޅުވިއެވެ.
ބެސެންޓް މާލީ ވަޒީރުގެ މަޤާމު ލިބުންތާ މާގިނަ ދުވަސްތަކެއް ނުވަނީސް 12.5 މިލިއަން ޑޮލަރަށް އޭނާ ގަނެފައިވާ ގެކޮޅުގެ ފޮޓޯތަކެއް ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއު ކުރުމާ ގުޅިގެން ބެސެންޓްގެ ސަލާމަތާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް ކަމުގެ މައުލޫމާތު ހުރި ފަރާތެއް ވަނީ ބުނެފައެވެ.
އެ ފޮޓޯގެ ސަބަބުން ބެސެންޓްގެ ގެ ޖިއޯލޮކޭޓް ކުރެވޭނެ ކަމަށާއި، ބެސެންޓްވަނީ އޭނާގެ ސަލާމަތައްޓަކައި އަސްކަރީ މަރުކަޒަކަށް ބަދަލުކުރެވިފައި ކަމަށް އެފަރާތުން އިތުރަށް މައުލޫމާތު ދިނެވެ. އަދި ސަރުކާރުގެ އޮފިޝަލުންނަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ މި ދަންޑިވަޅުގައި، މީޑިއާތަކުން ޒިންމާދާރު ކަމާއެކު ފިޔަވަޅު އެޅުމުގެ މުހިންމުކަންވެސް ވަނީ ފާހަނގަކޮއްފައެވެ.
އެމެރިކާއާއި ދުރުގައިވާ އެހެނިހެން ސަރަހައްދުތަކަށް ހަމާލާދިނުމުގެ ގާބިލްކަން އީރާނުގެ ކިބައިގައި ނެތްކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާކަމަށް ނިއު ޔޯކް ޓައިމްސުން ރިޕޯޓުކޮއްފައިވެއެވެ.
އެމެރިކާއާއި ޔަހޫދީންނާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއި، ލުބްނާނަށް ޔަހޫދީން ދިން ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކުވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.
އެމެރިކާ އާއި ޔަހޫދީން ދިން ހަމަލާތަކުގައި އީރާނުގެ މަތީ އޮފިޝަލުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެ ގައުމުގެ ކުރީގެ ރައީސް އާޔަތުالله އަލީ ޚާމަނާއީ ހިމެނެއެވެ.
އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒެއްގެ ހިމާޔަތަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed