ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުންދާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ. މީރާއިން ވިދާޅުވީ ޓެކްސް ނިޒާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކުރިއަށް ގެންދާ ކަމަށެވެ.

މީރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެއިދާރާއާއި މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ.

އެގޮތުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަމުން ދަނީ ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ޤާނޫނާއި އެއްގޮތަށް ޓެކްސްދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާއަދާކުރާކަން ކަށަވަރުކުރުމަކީ މީރާ އިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް ޢަމަލުކުރަމުންދާ އުސޫލް ކަމަށް ވިދާޅުވިއެވެ.

އަދި މީރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވަމްންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.

މީރާއިން ވިދާޅުވީ އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އިންތިޒާމު ކޮށްފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކުން އޮޑިޓް ކުރުމަށް ހޮވޭ ފަރާތްތައް ކަމަށެވެ. އެގޮތުން މީރާއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތައްވެސް އޮޑިޓް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި، މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިންކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާއިރު ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް ލުއިތަކެއް
ދީފައިވާކަމަށް މީރާއިން ވިދާޅުވިއެވެ. އަދި މީރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދީގެން ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗައް ކަމަށާއި، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން މީރާއިން ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވިއެވެ.