ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕް ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި މެންބަރު ފަލާހު ވަނީ ޖަޕާނަށް ދިވެހިރާއްޖެ އިން ކަނޑައެޅި ސަފީރު އަހްމަދު މަހުލޫފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ޖަޕާނަށް ސަފީރެއްގެ ގޮތުގައި މި މަޖިލީހަށް ފޮނުވާފައިވާ ނަންފުޅަކީ އެކަމަށް ރާއްޖެއިން ނެގޭނެ އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ބޭފުޅާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަމާ ދޭތެރޭގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި، މިއީ ރަނުން ރަނަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން ކަމަށާއި، ގައުމަށް ޚިދުމަތް ކުރުމުގައި އެބޭފުޅާ އަށް އެކަމުގެ ގާބިލް ކަމާއި، އެކަމުގެ ހުނަރާއި ތަޖުރިބާ ހުރި މިންވަރަށް މިސަރުކާރުން ބަލާނެ ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ ސަރުކާރު މިނިންމުމާއެކު ކުރިއަށް އޮތްތަނު ގައި ރާއްޖެ އާއި ޖަޕާނު ގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، މިހާރަށްވުރެ މާމަތީ ހަރުފަތަކަށް މިގުޅުން ކުރިއަށް ދާނެ ކަމަށެވެ.

މެންބަރު ފަލާހު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މަހުލޫފު މި މަގާމަށް އައްޔަން ކުރެއްވީ، ވެރިކަން ކުރާ ޕީއެންސީއާ 14 ނޮވެންބަރު 2025 ވަނަ ދުވަހު އެ ޕާޓީއަށް ސޮއިކުރުމާ ގުޅިގެން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި ސަރުކާރުގައި ވަޒީފާގެ ބިރު ދައްކާ ކަމަށާއި، ސަރުކާރަށް ފާޑު ކިޔާ އާއިލާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަޒީފާ ހަމަޖައްސައި ދެމުންދާ ކަމަށް އެއާއިލާތަކުން ބުނެފައިވެ އެވެ. އަދި ސަރުކާރުގެ ވަޒީފާގައި ހުރެ، ސަރުކާރަށް ފާޑު ކިޔާނަމަ ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމާއި، އަދިވެސް އެހެނިހެން ގޮތްގޮތުން ވަރަށް ބޮޑަށް ދަތި ކުރަމުންދާ ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ.