ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުގައި ގއ.އަތޮޅު ހޮސްޕިޓަލް ގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ހޮސްޕިޓަލް ގެ އިހުމާލުން ފުރާނަތަކެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ.

ރާއްޖެޓީވީ ގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ މި ސަރުކާރާއެކު ސިއްހީ ޚިދުމަތު ގެ ފެންވަރު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށާއި، މިހާތަނަށް މި ޚިދުމަތު ގެ ފެންވަރު ރަނގަޅު ކުރުމަށް މިސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

ގއ.އަތޮޅު ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި ހުސެއިން ހަސަން ވިދާޅުވީ އެ ހޮސްޕިޓަލްގެ ޚިދުމަތު ގެ ފެންވަރު ވަރަށް ދަށް ކަމަށާއި، މިފަހުން ވެސް ހޮސްޕިޓަލްގެ އިހުމާލުން ދެ ކުޑަ ކުދިންނާއި، މާބަނޑު އަންހެނެއް ފުރާނަ ގެއްލުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހުސެއިން ހަސަން ވިދާޅުވީ، ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމަށް ބިން ހަމަޖެއްސި ނަމަވެސް މިއަދާ ހަމައަށް މި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

ގއ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްފައިވަނީ 5 ޖުލައި 2025 ގަ އެވެ.

މި ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތު ގެ އަގަކީ، 185،571،402.42ރ އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށް، ސަރުކާރުން ބުނެފައިވަނީ މި އައު އިމާރާތުގެ މަޝްރޫއުކީ ގއ.އަތޮޅުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އިމާރާތް ނިމުމުން، އިތުރު ޚިދުމަތްތަކާއި، ޒަމާނީ ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގައި އެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، މީހުންގެ ފުރާނަ އަށް ނުރައްކާ ވަމުންދާތީ ގއ. ވިލިނގިލީ ރައްޔިތުން އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.