ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިންޒާރު ދެެއްވައިފި އެވެ.

މިނިސްޓަރު އިހުސާނު މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ.

އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ޤާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މަސައްކަތް ކުރަނީ ހުރިހާ އެންމެ ޝާމިލްވުން ހިމެނޭހެން ކަމަށާއި މި ބައްދަލުވުންތަކުގަ މަޝްވަރާކުރާނީ އަސާސީގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގަ ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމަށް ބޭއްވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވި އެވެ.