ބ.ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީން ބޭނުން ވަނީ އައު އުސޫލަކާއެކު، އައު ފެށުމަކުން މުޅި އެ މަސައްކަތް ފަށަން ކަމަށް ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ކައުންސިލުން ކުރާ މަސައްކަތްތަކަށް އެއްވެސް ބެލުމެއް ނެތި މިސަރުކާރުން ހުދުމުހުތާރުކަން މަތީގައި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލިމަނިކު ވިދާޅުވީ ހައުސިން ޔުނިޓްތައް އަވަހަށް ދޫކޮށްލަން ބޭނުންވާ ކަމަށާއި، ކޯޓުގައި އޮތް މައްސަލަ ނިމުމާއެކު އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މިހާރު ހައުސިން މިނިސްޓްރީން ބޭނުންވަނީ ހުރިހާ އުސޫލެއް ބާތިލް ކުރުމަށްފަހު އަލުން ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތްތައް އައު އުސޫލެއްގެ ދަށުން ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އެތައް ބަޔަކު މި ބޯހިޔާވަހިކަމުން މަހުރޫމްވާ ކަމަށާއި، މާ ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ކޯޓަށް ދާނެ ކަމަށެވެ.
މީގެ އިތުރުން އަލިމަނިކު ވިދާޅުވީ ހައުސިން ޔުނިޓްތައް ދޫނުކޮށް އެތައް އަހަރެއް ވެފައިވާއިރު، މިހާރު ވެސް ހާލަތު ވަރަށް ބޮޑަށް ބަދަލު ވެފައިވާ ކަމަށެވެ.
އަލިމަނިކު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ ހުދުމުހުތާރު ކަންމަތީގައި ހައުސިން ޔުނިޓްތައް ބަހާލުމަށް ކަމަށާއި، ކައުންސިލްގެ މަސައްކަތަށް ބެލުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއްނެތި ބާރުގެ ބޭނުން ކޮށްގެން ބޭނުން ގޮތެއް ހެދި ނަމަވެސް އަބަދު އެ ބާރުވެރިކަން ނޯންނާނެ ކަމަށެވެ.
ތުޅާދޫގައި ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކުރެވި، އެ ޔުނިޓް ތައް މިހާރު ވަނީ ހަލާކުވާން ފަށާފަ އެވެ. މި މައްސަލައާ ގުޅިގެން އެރަށުގައި ދޭތެރެ ދޭތެރެއިން ރައްޔިތުން ނުކުމެ މުޒާހަރާ ވެސް ކުރެ އެވެ.
މި މައްސަލައާ ގުޅިގެން 27 ނޮވެންބަރު 2025 ގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ލަސް ވަނީ ކައުންސިލްގެ ސަބަބުން ކަމަށެވެ.
މި 100 ހައުސިން ޔުނިޓަކީ ތުޅާދޫ އަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 ގައި މި މަޝްރޫއު ނިންމައި ކައުންސިލާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް، މި ސަރުކާރުން އޮތީ ކައުންސިލާއި މިކަމުގެ ލިޔެކިޔުން ހަވާލު ނުކޮށެވެ.
3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 87 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެނެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިން ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.