އަވަށްޓެރި ސްރީލަންކާގައި ތޫފާނު ދިތުވާގެ ސަބަބުން ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަދި އެ ގައުމު އާރާސްތު ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކާ، ރާއްޖޭގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް އެ ޤައުމަށް ދީފި އެވެ.
ޔުނިވާސަލް އިން ވަނީ އެ ފައިސާ ރާއްޖޭގައި ޤާއިމްކޮށްފައިވާ ސްރީލަންކާ ހައިކޮމިޝަނާ ހަވާލުކޮށްފަ އެވެ. އެކަން ފާހަގަކޮށް ސްރީލަންކާ ހައިކޮމިޝަނުން ވަނީ އެ ގައުމަށް އެހީތެރިކަން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ޔުނިވާސަލްއިން ދިން އެހީތެރިކަމަށްޓަކާ އެ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރުު އަދާކޮށްފަ އެވެ. އަމިއްލަ ފަރާތަކުން މިފަދަ އެހީ އެއް ފޯރުކޮށްދޭން ނިންމާފައި ވާއިރު، ދިވެހި ސަރުކާރުން ސްރީލަންކާއަށް އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭހެއް ދޭން ނިންމައިފައިވެ އެވެ.
ލަންކާ އަކީ ރާއްޖެ އަަށް ދިމާވާ ތަފާތު ހާލަތުތަކުގައި އެންމެ ކުރިން ރާއްޖެ އަށް އެހީވާ އެއް ޤައުމެވެ. އެހެންކަމުން ލަންކާ އާއި ރާއްޖެ އާއި އޮތް ގާތް ގުޅުން މިފަދަ ކަންކަމުގެ ސަބަބުން ވަނީ އިތުރަށް ބަދަހިވެފަ އެވެ.
ތޫފާނު ދިތުވާގައި ސްރީލަންކާއަށް ކޮށްފައިވާ ބޯ ވިއްސާރައިގައި ގައުމުގެ 600 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. މި ތޫފާނަކީ ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެގެން އުފެދުނު ތޫފާނެކެވެ. އެ ތުފާނުގެ ސްރީލަންކާއާ ހަމައަށް ކުރީ މި މަހު 5ގަ އެވެ.
ކާރިސާ ގެ ސަބަބުން ސްރީލަންކާގެ ޖީޑީޕީގެ ގާތްގަނޑަކަށް 68 އިންސައްތަ ހިއްސާކުރާ ޕްރައިވެޓް ކޮންސަމްޕްޝަންއަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެ އެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް މަދުވުމާއި، ރަށްފުށުގެ އާއިލާ ތަކުގެ އާމްދަނީ ދަށްވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ކޮންސިއުމަރުންގެ ޑިމާންޑް ދަށްވެގެންދާނެ އެވެ.