މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއް ގައި ބުނީ، ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހްތިޖާޖަށް ސަރުކާރުން ހުރަސް އަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ޖުމްލަ 8 މީހަކު ވަނީ ހަރަކާތުގެ ތެރެއިން ގާނޫނާއި ހިލާފަށް ހައްޔަރު ކޮށްފައި ކަމަށެވެ. 

އަދި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ކުށެއްގެ ތުހުމަތުގައި ބަންދު ކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރު ކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ވާނެކަމަށެވެ. އެހެންނަމަވެސް، ހައްޔަރު ކުރި ފަރާތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވަނީ 4 މީހުންނެވެ. އަނެއް 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަކާނުލައި ބަންދުގައި ބައިތިއްބައިފައި ވަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅުމުން، ކޮންމެ މީހަކު އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑީޕީ އިން ބުނީ، ކޯޓުން މި ގޮތަށް އަމުރުކުރި ނަމަވެސް، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑު އެހުމުގައި ސާފުކޮށް ބުނެދެވިފަ ނުވާ ކަމަށެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއް ވެސް ބަޔާން ކޮށްދެވިފައި ވެސް ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، ޤާނޫނުއަސާސީ އާއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް އަދި އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާ ވެސް ހިލާފަށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މިއީ، ޤާނޫނުއަސާސީ އާއީ ހިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވީތީ، އެ ކަން އެމްޑީޕީ އިން ވަނީ ކުށްވެރި ކޮށްފަ އެވެ.

އަދި، ޤާނޫނުއަސާސީއާ ހިލާފަށް ހައްޔަރު ކޮށްފައިވާ އެންމެން ވަގުތުން މިނިވަން ކުރުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.