މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ އާޒިމް އެހެން ވިދާޅުވީ ރާއްޖެ އެމްވީ  އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

 ބޮޑުކަންނެލި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން މަސްވެރިން އާޒިމް އާއި ވެސް ބައްދަލުކޮށްފައި ވާއިރު އެ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އެ ބައްދަލުވުންތަކުން އެކަނި ވެސް ހާމަވި ކަމަށް އާޒިމް ވިދާޅުވި އެވެ. މަސްވެރިކަން ކުރުމާއި، މަސް ކިރުމާއި، މަސްވެރިންނަށް ބަނދަރު ބޭނުން ކުރުމުގައި ދިމާވަ ދަތިތައް އޭނާ އާއި މަސްވެރިން ހިއްސާކޮށްފައިވާ ކަަމަށް އާޒިމް ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރު ބަނދަރުގެ ކަންކަން ހަމަޖައްސަން މަސައްކަތްކޮށްފިން. އެކަމަކު މި ވާގޮތަކީ ކޮންމެ ފަހަރަކު ވެސް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އިން މި ބަނދަރުތައް ކޮންޓްރޯލް ކުރަނީ. ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން އިންޓަނޭޝަނަލް ބަނދަރެއް ނޫނިއްޔާ ހުންނަން ވާނީ ކައުންސިލް ބެލުމުގެ ދަށުގައި." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ބަނދަރުތަކުގެ ކޮންޓްރޯލް ސަރުކާރުގެ ކުންފުނިތަކާއި ވުޒަރާތަކުގެ ދަށަށް ނެގުމަކީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް ބަނދަރުތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. 

"ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން ހުރިހާ ޑޮމެސްޓިކް ބަނދަރެއް ބަލަހައްޓާނީ ކައުންސިލުން. އަދި އަޅުގަނޑު ދެކެނީ މަސްވެރިން ކުރި އިހުތިޖާޖުގައި ވެސް ނެރު ތެރެއަށް ވަދެވެން ވާނެ. އެ މީހުންނަކީ ވެސް ބަނދަރު ބޭނުން ކުރުމުގެ ހައްގު ލިބިގެންވާ ބައެއް." އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރަކީ ޤާނޫނަކަށް ބަލާ ސަރުކާރެއް ނޫން ކަމަށާއި އޭރަކު ސަރުކާރުން ހިތަށް އަރާ ގޮތަކީ އެއީ އުސޫލުކަމަށް ދައްކައިގެން ވިޔަސް ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން ކުރުމަށް މަގުފަހިކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.